އެ ގައުމުގެ މިނިވަންކަމުގެ ތާރީހުގައިވެސް ދެކެފައި ނުވާ ފަދަ އިގުތިސޯދީ ހީނަރުކަމުގެ ފުން އަނދަވަޅަކަށް ވެއްޓިފައި ވާ ސްރީލަންކާއިން ހިއްސާގެ ވިޔަފާރި، ވަގުތީ ގޮތުން މަޑުޖައްސާލަން ނިންމައިފިއެވެ.
ސްރީލަންކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖު ކޮމިޝަނުން ވަނީ، އޭޕްރިލް 18 ވަނަ ދުވަހުން ފަށައިގެން 5 ދުވަހުގެ މުއްދަތަށް، ހިއްސާގެ ބާޒާރުގެ ވިޔަފާރި ބަންދު ކުރުމަށް، ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖް (ސީއެސްއީ)އަށް އަންގާފައެވެ.
ސްރީލަންކާގެ ސެކިއުރިޓީ ރެގިއުލޭޓަރުން އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ، ސްރީލަންކާގެ އަދުގެ ހާލަތަށް ރިއާޔަތް ކޮށް، ހިއްސާގެ ވިޔަފާރީގެ މުއާމަލާތްތައް ވަގުތީ ގޮތުން މަޑުޖައްސާލަ ދިނުމަށް، އެސްސީއީގެ ޑައިރެކްޓަރުންގެ ބޯޑުން އޭޕްރިލް 15 ދުވަހު، އެ ކޮމިޝަނުގައި އެދިފައި ވާ ކަމަށެވެ.
ސްރީލަންކާގެ ހިއްސާގެ ވިޔަފާރިގެ މައިދާނުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ވަނީ ވަގުތީ ގޮތުން ހިއްސާގެ ވިޔަފާރި މަޑުޖައްސާލަން އެދިފައެވެ. އޭގެ ތެރޭގައި ކޮލަމްބޯ ސްޓޮކް ބްރޯކާޒް އެސޯސިއޭޝަންވެސް ހިމެނޭ ކަމަށް ސްރީލަންކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖު ކޮމިޝަނުން އާންމު ކުރި ބަޔާނުގައިވެއެވެ.
އެސްސީއީއިން ވަނީ ލަންކާގެ އަދުގެ މަސްރަށް ރިއާޔަތް ކޮށް، އިންސާފުވެރި އުސޫލެއްގެ ތެރެއިން ހިއްސާގެ މުއާމަލާތްތައް ކުރާނެ ގޮތްތައް ބަލާފައެވެ. އަދި އެ ގައުމަށް ކުރިމަތިވަމުން ދާ އިގުތިސޯދީ މައްސަލަތަކަށް ބަލާއިރު، މިފަދަ ގޮތަކަށް މުއާމަލާތްތައް މަޑުޖައްސާލުމަކީ އިންވެސްޓަރުންނަށްވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ބެލެވެއެވެ.
ކަން މިހެން އޮތް އިރު ސްރީލަންކާގެ ޓްރޭޑް ޔޫނިއަންތަކުން ވަނީ މިމަހުގެ 20 ވަނަ ދުވަހަކީ އެ ގައުމުގައި "ބޮޑު ހަޅުތާލު" ކުރާނެ ދުވަސް ކަމުގައި ކަނޑައަޅާފައެވެ. އެގޮތުން ޓްރޭޑް ޔޫނިއަންތަކުގެ އިތުރުން ބޮޑެތި ޖަމިއްޔާތަކުން އޭޕްރިލް 20 ވަނަ ދުވަހު ހަޅުތާލު ކުރާނީ، މަސައްކަތު މާހައުލުގައި ތިބެގެން ކަމަށް ވަނީ ނިންމާފައެވެ.
ޓްރޭޑް ޔޫނިއަންތަކުގެ މި ހަރަކާތަކީ ސްރީލަންކާ މިއަދު ވެއްޓިފައިވާ ނާޒުކު ފައްތަރުން ގައުމު ސަލާމަތް ކުރުމަށް އާންމުން ކުރަމުންދާ މަސައްކަތަށް ކާމިޔާބީ ހޯދާ ދިނުމަށް، އެއްވެސް ޝަރުތަކާ ނުލާ ކުރިއަށް ގެންދާނެ ހަރަކާތެއް ކަމަށް ސިފަ ކޮށްފައެވެ.