ހުޅުމާލޭގައި ފުލުހުންނަށް ހާއްސަކޮށް ހަދާފައިވާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޓެކްސީއަކާއި ބެޓެރީ ބައިސްކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކުގެ ހާލު ސީރިއަސް ވެގެން ފަރުވާ ދޭން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ބެެޓެރީ ބައިސްކަލް ދުއްވަން އިން މީހާގެ އިތުރުން، އިތުރު ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ޓެކްސީގައި ތިބި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި، 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާއި އަދި އުމުރުން ދުވަސްވީ އަންހެނަކަށެވެ. އޭގެ ތެރެއިން ހާލު ސީރިއަސް ވެފައި ވަނީ ބައިސްކަލް ދުއްވަން އިން ބިދޭސީ ފިރިހެން މީހާގެއެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 9:20 ހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވި ހަތަރު މީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަ ދެއެވެ.

އެ ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.