ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ ރަޝިއާގެ ދިފާއީ ވަޒީރު ސަރްގޭއީ ޝޮއިގޫއަށް "ބޮޑު" ހާޓްއެޓޭކެއް ޖެހިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
ރަޝިއާއިން ކުރަމުން ދާ ހަނގުރާމަ 51 ދުވަހަށް ދިގުލާފައި ވާ އިރު މި ފަހުން ދިފާއި ވަޒީރު ފެނިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ. އަދި ދިފާއީ ވަޒީރަށް ޖެހުނު ހާޓްއެޓޭކްއަކީ އާންމުކޮށް ޖެހޭ ޒާތުގެ ހާޓްއެޓޭކެއް ނޫން ކަމަށްވެސް މީޑިއާގައި ދަނީ ވަކާލާތު ކުރަމުންނެވެ.
އެގޮތުން، ޔޫކްރައިން ހަނގުރާމައިގެ ގެއްލުންތަކާ މެދު ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާއި ދިފާއީ ވަޒީރާ ދެމެދު ދެބަސްވުންތަކެއް ހިނގި ކަމަށް ވަނީ އަޑު ފެތުރިފައެވެ. ރަޝިއާގެ ރައީސްއަކީ އޭނާއާ ދެބަސްވާ މީހުންނާ މެދު ހަރުކަށި އުސޫލުތަކެއް ގެންގުޅުއްވުމުގެ ރެކޯޑް އޮންނަ ބޭފުޅެކެވެ.
އިޒްރޭލުގެ ވިޔަފާރިވެރިޔާ ލިއޮނިޑް ނެވްޒްލިންއާ ހަވާލާދީ ރަޝަން ޓައިމްސްގައި ވާހަކަތަކަށް ރިއާޔަތްކޮށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އުމުރުން 66 އަހަރުގެ ދިފާއީ ވަޒީރަށް ޖެހުނު ހާޓްއެޓޭކްއާ ގުޅިގެން، ތުހުމަތުގައި 20 ޖެނެރަލަކު ވަނީ ހައްޔަރު ކޮށްފައެވެ.
ނެވްޒެލިންއަކީ އަމިއްލައަށް ރަޝިއާއިން ބޭރުވެގެން އުޅޭ މީހެކެވެ. އޭނާ ވަނީ ރަޝިއާގެ ރައްޔިތުކަން ދޫކޮށްލާނެކަންވެސް އިއުލާން ކޮށްފައެވެ. ނެވްޒްލިން އަކީ އެއް އިރެއްގައި ރަޝިއާގައި ހުރި އެންމެ މުއްސަނދި މަހުޖަނެވެ. ނަމަވެސް 2003 ވަނަ އަހަރު އޭނާ ރަޝިއާ ދޫކޮށް ދިޔައީ، ޕޫޓިންއާއި ރަޝިއާގެ ސަރުކާރުން، އޭނާގެ ތެޔޮ ކުންފުނިން އަތުލަން ނިންމި ހިސާބުންނެވެ.
ޕޫޓިންގެ "ކަނާތް" ފަދައިން އުޅުއްވި ދިފާއީ ވަޒީރު، ކުއްލި ގޮތަކަށް މަންޒަރުން ގެއްލިފައި ވަނީ، ޔޫކްރައިންއަށް "ފުދޭ ވަރުގެ" ގެއްލުންތަކެއް ދެވެމުން ނުދާތީ، ޕޫޓިންއާއި ޝޮއިގޫއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން ކަމަށް ނެވްޒްލިން ވަނީ ތުހުމަތު ކޮށްފައެވެ.