ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަނެއްކާވެސް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރޭގެ ވަގުތެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި ކަމަށް ބުނި ބުނުން ފިޔަވައި، ރައީސް އޮފީހުން އެ ދަތުރުފުޅާ ގުޅޭ ތަފްސީލެއް ނުދެއެވެ.

ރައީސް އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23 ގައި ތައިރޮއިޑް ބަލީގެ ފަރުވާއަކަށެވެ. ދެ ދުވަސް ފަހުން ތައިރޮއިޑްގެ ސާޖަރީ ހެއްދެވުމަށްފަހު، އެމަނިކުފާނު ވަނީ ހަފްތާއެއް ފަހުން އެނބުރި ވަޑައިގެން ރަސްމީ ކަންތައްތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވާފައެވެ.

އެނބުރި ވަޑައިގެން މިދިޔަ މަހުގެ 11 ވަނަ ދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ތައިރޮއިޑް ބަލީގެ ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތް ދުވަހުން ފެށިގެން ހެޔޮދުއާ ކޮށްދިން ހުރިހާ ފަރާތްތަކަށް އެމަނިކުފާނުގެ ނަންފުޅުގައި އަދި އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މާތް ﷲގެ އޯގާވަންތަކަމުން އަޅުގަނޑުގެ ހާލު މިހާރު ރަނގަޅު. އޮޕަރޭޝަނަށް އަޅުގަނޑު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން، އަޅުގަނޑަށް ހެޔޮ ދުއާކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ފަރާތުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.