އެކި ބޭނުންތަކަށް ސްރީލަންކާއިން ނަގާފައިވާ ދަރަނިތައް ދައްކާ ހަލާސް ކުރުމަށް އެ ގައުމަށް ގާނޫނީ ގޮތުން މަތިވެފައިވާ ޒިންމާތައް އަދާ ކުރުމަށް މުޅިން ފެއިލްވުމާ ގާތަށް ޖެހިފައި ވާ ކަމުގެ އިންޒާރު، ދުނިޔޭގެ އެންމެ މަޝްހޫރު ރޭޓިންގް އޭޖެންސީތަކުން ދީފިއެވެ.

ފިޗް ރޭޓިންގްސްއިން ވަނީ، ސޮވްރިން ދަރަނި ހަލާސް ކުރުމަށް ފެއިލް ވުމުގެ މަރުހަލާ މިހާރުވެސް ފެށިފައި ވާ ކަމަށް ބުނެ، ސްރީލަންކާގެ ރޭޓިންގް ދަށްކޮށްފައެވެ. އެސް އެންޑް ޕީ ގްލޯބަލް ރޭޓިންގްސްއިންވެސް ވަނީ ދަރަނި ހަލާސް ކުރުމަށް ލަންކާ ފެއިލްވުމަކީ ނުވެ ނުދާނެ ކަމަށް އިންޒާރު ކޮށްފައެވެ.

ކަން މިހެން އޮތް އިރު ސްރީލަންކާއިން ވަނީ ބޭރުގެ ފަރާތްތަކަށް އެ ގައުމުން ދަރާފައި ވާ ދަރަނިތައް ދައްކާ ހަލާސް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާކަން ހާމަކޮށްފައެވެ.

ހޯމަ ދުވަހު ސްރީލަންކާއިން ވަނީ އެ ގައުމުން ބޭރުގެ ފަރާތްތަކަށް މިހާރުން މިހާރަށް ހަލާސް ކުރަން ޖެހޭ ދަރަނީގެ ތެރެއިން 35.5 ބިލިއަން ޑޮލަރުގެ ދަރަނި ހަލާސް ކުރުން މަޑުޖައްސާލާފައި ވާނެ ކަމަށެވެ.

މި ދަނޑިވަޅަކީ ސްރީލަންކާގެ މިނިވަންކަމުގެ 70 އަހަށް ވުރެ ގިނަ އަހަރު ދުވަސްވީ ތާރީހުގައިވެސް އެ ގައުމު ނުދެކޭ ފަދަ، އިގުތިސޯދީ ހީނަރު ކަމުގެ ކާރިސާއެއްގެ ރާޅު އެ ގައުމަށް ބިންދާލާފައި ވާ ދަނޑިވަޅެކެވެ.

ސްރީލަންކާގެ އޮފިޝަލުން ވަނީ، އަމިއްލަ ވަޒަނަށް ފައިސާ ފޮނުވާ ދިނުމަށް، ގައުމުން ބޭރުގައި މަސައްކަތް ކުރާ އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ސްރީލަންކާގެ މަރުކަޒީ ބޭންކުގެ އާ ގަވަރުނަރު، އެދިވަޑައިގެންފައި ވަނީ، ސްޓާލިންގް ޕައުންޑް، ޑޮލަރު އަދި ޔޫރޯއިން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ފައިސާ ބޭނުން ކުރާނެ ހަމައެކަނި ކަންކަމީ، ކާބޯތަކެއްޗާއި ހަކަތައިގެ އިތުރުން ބޭސްވެރިކަމުގެ ސާމާނު ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުން ފަދަ ކަންކަން ކަމަށްވެސް ގަވަރުނަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ނިމިގެން މިދާ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސްރީލަންކާއިން ހަލާސް ކުރަން ޖެހިފައި އޮތް ސްވްރިން ބޮންޑްގެ އިންޓްރެސްޓް، 78 މިލިއަން ޑޮލަރަށް އަރައެވެ. 30 ދުވަހުގެ ގްރޭސް ޕީރިއަޑްގެ ތެރޭގައި އެ ފައިސާ ހަލާސް ނުކޮށްފިނަމަ، އެކަން ވެގެން ދާނީ 1948 ވަނަ އަހަރު އިނގިރޭސިންގެ އަތުން ސްރީލަންކާއަށް މިނިވަން ކަން ލިބުނު ފަހުން، ބޭރުގެ ފަރާތަކަށް އެގައުމުން ދަރާފައިވާ ދަރަނި ސުންގަޑިއަށް ހަލާސް ކުރުމަށް ފެއިލްވި ފުރަތަމަ ފަހަރަށެވެ.

ސްރީލަންކާ ސަރުކާރުން ބުނާ ގޮތުގައި ކްރެޑިޓް ދޫކުރި ފަރާތްތަކަށް ފައިސާ ދައްކާ ހަލާސް ކުރަން ފެއިލް ވަމުން ދަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާލަމީ ބަލިމަޑުކަމުގެ އިތުރުން، ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރަމއިގެ ސަބަބުން ކަމަށެވެ.

ސްރީލަންކާ ފައިސާއަކީ ބޭރު ފައިސާ ގަނެވިއްކުމުގައި އެންމެ ނުފޫޒުގަދަ ކައްޓާއެއްގެ ގޮތުގައި މިން ކުރާ އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު މިވަގުތު އެންމެ އަގެއް ނެތް ފައިސާގެ ތެރޭގައި ހިމެނޭ ފައިސާއެކެވެ. މާލީ ބާޒާރުގެ އަގުތަކަށް ބަލާއިރު ސްރީލަންކަން ރުޕީޒްއަކަށް މިވަގުތު ޖެހެނީ 0.0031 އެމެރިކާ ޑޮލަރެވެ. ނުވަތަ އެމެރިކާ ޑޮލަރަކަށް 320.53 ސްރީލަންކަން ރުޕީޒްއެވެ.