ޑިސްޓްރިބިއުޝަން ކޭބަލަކަށް ލިބުނު ގެއްލުމާ ގުޅިގެން މިއަދު ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ތަނަކަށް ކަރަންޓް ދީފިއެވެ.

ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދުން މިއަދު ކަރަންޓް ކެނޑުނީ، އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ.

ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށް މިޙާރު ކަރަންޓް ދީފައި ވާކަމަށާއި އެއްވެސް މައްސަލައެއް ކަސްޓަމަރަކަށް ފާހަގަވާނަމަ 104 އަށް ގުޅުމަށްވެސް ސްޓެލްކޯއިން އެދެއެވެ.

މިކަމުން އާންމުންނަށާއި ވިޔަފާރުތަކަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި އެފަދަ އެކި މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކަނޑާ ފަހަރުތަކުގައި އާންމުކޮށް ސްޓެލްކޯއިން އަންނަނީ އެ ފަދަ މައުލޫމާތު ހިއްސާ ކުރަމުންނެވެ.