ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިދިޔަ 2021 އަހަރު 347 މައްސަލަ ބަލާ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ އަހަރުގެ މަސައްކަތްތަކާ ގުޅޭ އަހަރީ ރިޕޯޓް އެޗްއާރްސީއެމް އިން މިއަދު އާންމުކޮށްފައި ވާއިރު މިދިޔަ އަހަރު 520 މައްސަލައެއް އެ ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

މިދިޔަ އަހަރު އެޗްއާރުސީއެމް އަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ބަންދުގައިވާ ފަރާތްތަކުގެ ސިއްހަތާ ގުޅުންހުރި 139 މައްސަލައަކާއި ލާއިންސާނީ އަނިޔާއާއި ގުޅޭ 68 މައްސަލައަކާއި ޝަރުއީ ދާއިރާގެ 64 މައްސަލައެއް ހިމެނެއެވެ.

އޭގެ އިތުރުން ގައިދީންނާއި ގުޅޭ 53 މައްސަލައަކާއި ކުޑަކުދިންންގެ ހައްގުތަކާ ގުޅުންހުރި 39 މައްސަލައަކާއި ފުލުހުންނާއި ގުޅުންހުރި 37 މައްސައެއްގެ އިތުރުން މަސައްކަތް ކުރުމުގެ ދާއިރާގެ 33 މައްސަލަ ހިމެނެއެވެ.

ހަމައެހެންމެ ބޯހިޔާވަހިކަމާ ގުޅުން ހުރި އަދި އިގްތިސާދީ، އިޖުތިމާއީ، ސިޔާސީ ކަންކަމާ ގުޅުން ހުރި 21 މައްސަލައަކާއި ސިއްހީ ހިދުމަތްތަކާ ގުޅުން ހުރި 17 މައްސަލައެއްގެ އިތުރުން އަންހެނުންގެ ހައްގުތަކާއި އާއިލާ ބިނާކުރުމުގެ ހައްގުތަކާއި ގެވެށި އަނިޔާއާ ގުޅުން ހުރި 15 މައްސަލައެއްވެސް ހިމެނެއެވެ.

ބިދޭސީންގެ ހައްގުތަކާއި ގުޅުންހުރި 9 މައްސަލައަކާއި އުނގެނުމުގެ ދާއިރާ އަދި އުމުރުން ދުވަސްވީ މީހުންނާ ގުޅުން ހުރިން 3 މައްސަލައެއް މިދިޔަ 2021 ވަނަ އަހަރު ވަނީ އެޗްއާރްސީއެމް އަށް ހުށައަޅާފައެވެ.

މިދިޔަ އަހަރު އެ ކޮމިޝަނުން އެންމެ ގިނައިން ބަލާފައިވާ މައްސަލަތަކަށް ބަލާއިރު ޝަރުއީ ދާއިރާއާ ގުޅުން ހުރި 59 މައްސަލައެއް އަދި ބަންދުގައިވާ ފަރާތްތަކުގެ ސިއްހަތާ ގުޅުންހުރި 58 މައްސަލައެއް ހިމެނެއެވެ.