ރާއްޖޭގެ މިއުޒީކީ ފަންނާނުންނަށް އިތުރު ފުރުސަތުތައް ތަނަވަސް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި މިއުޒިކީ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުގެ ތެރެއިން ހައްލު ހޯދުމަަށް ބޭނުންވާ ގޮތްތަކާއި އަދި ފަންނުވެރިކަން ކުރިއެރުވުމަށް މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ރައީސްއާ ވަނީ ހިއްސާކުރައްވާފައެވެ..
އެގޮތުން މިއުޒީޝަންސް ޔޫނިއަންގެ މެންބަރުން ފާހަގަކުރި ދަތިތަކުގެ ތެރޭގައި މިއުޒީޝަނުން ޕްރެކްޓިސް ކުރުމަށާއި ޝޯވްދިނުމަށް ހުރި ދަތިތަކުގެ އިތުރުން އެ ޔޫނިއަން ހިންގުމަށް އޮފީހެއް ނެތުމާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކުގެ މައުލޫމާތު ހިމެނެއެވެ.
މީގެއިތުރުން ރިޒޯޓް މިއުޒިކް ކުޅުމަށް މިއުޒީޝަނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޖުމްލަގޮތެއްގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތައް މެންބަރުން ފާހަގަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ފަރާތުން ހިއްސާކުރެއްވި ދަތިތައް ހައްލުކޮށްދެއްވުމަަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި މިއުޒީޝަނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިއުޒިކީ ފަންނު އިތުރަށް ކުރިއަރުވާ އާލާކުރުމާ ގުޅޭގޮތުން މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ ހިޔާލު ބަދަލުކުރައްވާފައެވެ.