އެސްޓީއޯގެ ގޮދަން ފުށް ބަންދު ކުރާ ފެކްޓްރީގެ މަސައްކަތް މިއަހަރު ތެރޭ ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފުށް ފެކްޓްރީ އަޅާނެ ބިން ފައިނަލް ކުރުމަށް އިއްޔެ ވަނީ ކުންފުނީގެ އެމްޑީ ހުސއިން އަމްރް ކުޅުދުއްފުއްޓަށް ވަޑައިގެން ބިމެއް ބައްލަވާފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް ލީނާ މުހައްމަދު ވިދާޅުވީ އިއްޔެ ބިމެއް ބެލި ނަމަވެސް އަދި ބިން ފައިނަލް ނުވާ ކަމަށެވެ.

އިއްޔެ ބެލި ބިމަކީ ކުޅުދުއްފުށިން އެމްޕީއެލްއަށް ދީފައިން ބިމުގެ ސަރަހައްދެއް ކަމަށް ވެސް ލީނާ ވިދާޅުވިއެވެ.

މިފެކްޓްރީގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ލީނާ ފާހަގަ ކުރެއްވިއެވެ.

މި ފެކްޓަރީގެ ސަބަބުން ރާއްޖޭގައި ފުޑް ސެކިއުރިޓީ ދެމެހެއްޓޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ހަދާ ގޮދަށްފުށް ބަންދުކުރާ ފެކްޓްރީ ގާއިމުކުރަނީ ތަފާތު ބާވަތްތަކުގެ ފުށް އުފެއްދޭ ގޮތަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް ފެކްޓްރީއިން ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ހަރަދަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

މީގެއިތުރުން ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތުވެސް އިތުރުވެގެން ދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.