ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން އެންމެ ފަހުން ގެނައި 21 އެމްބިއުލާންސް ރަށްތަކާ ހަވާލުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިފަހަރު އެމްބިއުލާންސްތައް ފޮނުވި ރަށްތަކަކީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ގދ. ނަޑެއްލާ އަދި ކ. ގުރައިދޫ ކަމަށެވެ.

ރަށްރަށަށް ފޮނުވި އެމްބިއުލާންސްގެ 4 ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. މިއީ އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަކޮށް އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެއަށް ގެނެސް ރަށްތަކާ ހަވާލުކުރަން ސަރުކާރުން އެސްޓީއޯއާ މިދިޔަ އަހަރުގެ ޖޫން މަހުގެ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ނެގައި އެމްބިއުލާންސެވެ.

ހަތަރު ވަނަ ޝިޕްމަންޓާ އެކު ރާއްޖެއަށް ގެނައި އެމްބިއުލާންސް ގެ އަދަދު މި ވަނީ 76 އަށް އަރާފައެވެ.

އެގޮތުން ފުރަތަމަ ޝިޕްމަންޓްގައި ރާއްޖެ ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ހަވާލުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ގައެވެ. ދެވަނަ ޝިލްމަންޓް ރަށްރަށް ހަވާލުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ތިންވަނަ ޝިޕްމަންޓް ހަވާލުކޮށްފައި ވަނީ، މިދިޔަ ފެބްރުއަރީ މަހުތެރޭގައެވެ.