ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް ނަގަން ނިންމި އާ ފީ އަށް އަމަލުކުރަން ފަށާނީ މި މަހުގެ 21 އިން ފެށިގެން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީ ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކު 500 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް ދާދި ފަހުން އިއުލާނު ކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ސަފާރީތަކުން ނަގާ ދުވަހު ފީ ވަނީ ކުޑަކޮށްފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ މި މަހުގެ 21 އިން ފެށިގެން 100 ފޫޓަށް ވުރެ ބޮޑު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު (3،090 ރުފިޔާ) އަދި އެ އަށް ވުރެ ކުދި އެއްޗެހިން ދުވާލަކަށް 150 ޑޮލަރު (2,317 ރުފިޔާ) ނެގުމަށް ނިންމާފައެވެ.

ފުވަމުލަކު ކައުންސިލްން ޖެނުއަރީ މަހު 12 ގައި ބޭއްވި ކައުންސިލްގެ 33 ވަނަ ބައްދަލުމުގައި ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި 500 ޑޮލަރު (7،725 ރުފިޔާ) ނަގަން ފާސްކޮށް އެ ފީ ނަގަން ނިންމީ މި މަހުގެ 1 އިން ފެށިގެންނެވެ.

ކުރިން ބަނދަރަށް ވަންނަ ސަފާރީތަކުން ފީއެއްގެ ގޮތުގައި ނަގަމުން އައީ 50 ޑޮލަރު (772 ރުފިޔާ)އެވެ.