މިދިޔަ ޖޫން މަހު ހުޅުމާލޭގައި 13 އަހަރުގެ ކުޑަކުއްޖަކު މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ފެނުނު މައްސަލާގައި ތުހުމަތުވާ 17 އަހަރުގެ ކުޑަކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދެވަނަ ފަހަރަށް ދަމަހައްޓައިފިއެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ދައުވާއެވެ.

އުމުރުން 17 އަހަރުގެ ކުއްޖާ ބަންދުކޮށްފައިވާ މަރުކަޒަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންނުވާ ތަނެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމުމުން، އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް ޖުވެނައިލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ހައިކޯޓުން ވަނީ ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފައެވެ. އެއަށްފަހު ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފްކުރުމުން، ސުޕްރީމް ކޯޓުން ވަނީ އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް، މިދިޔަ މަހު 16 ގައި ހުކުމްކޮށްފައެވެ.

އެހެންވެ، އެ ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖުވެނައިލް ކޯޓަށް އަލުން ހުށަހަޅާފައިވާއިރު، އެ ކޯޓުން ވަނީ މީގެ ކުރިން ނިންމި ނިންމުން ދަމަހައްޓާފައެވެ. ހައިކޯޓުންވެސް ވަނީ އެ ނިންމުމަށް ދެވަނަ ފަހަރަށް ތާއީދުކޮށްފައެވެ.

ހައިކޯޓުން ކުރި ހުކުމްގައި ބުނީ، އެ ކުއްޖާގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ހެކިބަސް އަދާކުރަން ތިބި ކުދިން ސިއްރު ހެކިންނަށް ނުވާގޮތަށް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ އަދާކޮށްފައިވާ ކަމަށާއި، އޭނާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ. އަދި ކުއްޖާ ބަންދުކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމެއް ދައުލަތަށް ނުދެއްކޭ ކަމަށާއި، އެ ތަން ތައްޔާރުނުވާ ކަމަށް ކުއްޖާގެ ފަރާތުން ފާހަގަކުރިއިރު، އޭނާ އުނގެނުމަށް މަސައްކަތްކުރާ ކަމަށާއި، އިތުރު ކުށަކަށް އަރައިގަންނަން މަސައްކަތްކޮށްފައިނުވާއިރު، އެއީ ކުއްޖާ އިސްލާހުވާން ބޭނުންވާ ކަމުގެ ދަލީލެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

އަދި ޖުވެނައިލް ކޯޓުން އޭނާއަށް ކުރި ޝަރުތުތަކަށް ފުރިހަމައަށް ބޯލަނބާ ކަން އެ ކުއްޖާގެ ފަރާތުން ފާހަގަކުރާ ކަމަށްވެސް އެ ހުކުމްގައިވެއެވެ.

17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން، އެ މައްސަލާގައި ދެން ހައްޔަރުކޮށް ދައުވާކޮށްފައިވަނީ އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށެވެ. 17 އަހަރުގެ ކުޑަކުއްޖާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިތުރުން، ޒިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ 5 ދައުވާއަކާއި ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ކުރުމުގެ ދައުވާއަކާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ކުއްޖަކު ގްރޫމްކުރުމުގެ ދައުވާގެ އިތުރުން، ޖިންސީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ 3 ދައުވާއެކެވެ.