ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނައް ރޯދަވީއްލުމެއް ދެއްވައިފިއެވެ.

މުލީއާގޭގައި މިއަދު އެ ކުދިންނަށް ރޯދަވީއްލުމެއް ދެއްވާ އެ ދެބަނބަލުން އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވާފައި ވާއިރު، އެ ކުދިން ވަނީ ރައީސްގެ ދެކަނބަލުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކޮށްފައެވެ.

މިކަމާ ގުޅޭ ފޮޓޯތަކެއް ރައީސް އޮފީހުން ވަނީ ހިއްސާ ކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، އޭގެ ތެރެއިން ބައެއް ކުދިން މުލީއާގެ ގޯތިތެރޭގައި ދުވެ މަޖަކޮށް ހަދާފައި ވާއިރު ބައެއް ކުދިން ރައީސްއާއެކު ރާޒުވާވެސް ވަނީ ކުޅެފައެވެ.

މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި 195 ކުދިން އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް ކުދިން ތިބެނީ ހުޅުމާލޭގައި ހުންނަ ފިޔަވައްޗާއި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައެވެ.

ރައީސްގެ ދެކަނބަލުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް މިއަދު ރޯދަ ވީއްލުމެއް ދެއްވާފައި ވާއިރު، ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ އިސް ބައެއް ބޭފުޅުން އެ ކުދިންނާ މީގެ ކުރިން ބައްދަލުކުރައްވައި، އެ ކުދިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.