ޕާކިސްތާނުގެ ބަޔަކު މެދުވެރިކޮށް ރާއްޖެ އަށް 2.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލުމުން 48 ގަޑިއިރު ފަހުން އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވާތީ، އެ މައްސަލަ ވެސް ހައި ކޯޓުން ބޭރުކޮށް ލައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕާކިސްތާނުގެ ތިން މީހަކު މެދުވެރިކޮށް، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެއްސަކު ބަންދުގައި ބެހެއްޓުމަށް ފަހު، މިދިޔަ މަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރީ އޭގެ ތިން ދުވަސް ފަހުންނެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ 48 ގަޑިއިރު ގުނާނީ އެ ނިންމުން ނިންމާ ވަގުތުން ފެށިގެން ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ އިރު، އިސްތިއުނާފް ލަސްވުމުގައި މަގްބޫލު ސަބަބެއް ދައުލަތަށް ނުދެއްކޭތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ގޮތަށް ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަޣުލަބިއްޔަތުންނެވެ.
ނަމަވެސް އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔު އެ މައްސަލައިގައި ތަފާތެވެ. އިސް ފަނޑިޔާރުގެ ރައުޔަކީ 48 ގަޑިއިރު ގުނަން ޖެހޭނީ އެ ނިންމުމެއް ނިންމި ވަގުތު ނުވަތަ ގަޑިން ފެށިގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ގާނޫނުގައި އޮތީ ތާރީހަށް ބެލުން ކަމަށް އޭނާގެ ރައުޔުގައި ވެއެވެ.
ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު ވުޖޫދަށް އައުމުގެ ކުރިން ވެސް އަމަލުކުރަމުން ދިޔަ އުސޫލަކީ ތާރީހަށް އެކަނި ބެލުން ކަމަށާއި މިހާރުގެ ގަވާއިދުގައި އެކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމުން، ގަޑިއަށް ބަލައިގެން މުއްދަތު ނުގުނޭނެ ކަމަށް އިސް ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވިއެވެ. .
ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރުތައް އިސްތިއުނާފު ކުރަން ދައުލަތަށް ލިބޭނީ 48 ގަޑިއިރެވެ.
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލައިގައި މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާފައިވަނީ 48 ގަޑިއިރު ގުނަން ޖެހޭނީ އެ ނިންމުމެއް ނިންމި ވަގުތުން ފެށިގެން ކަމަށެވެ. އޭގެ ކުރިން ދައުލަތުން 48 ގަޑިއިރު ގުނަމުން ދިޔައީ އެ ނިންމުމެއް ނިންމާ ދުވަސް ނުހިމަނަ އެވެ.