ވ. އާރަށް ކުއްޔަށް ދީފައި ވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެން ފައިސާ އަކީ ސައްހަ ވިޔަފާރީގެ މުއާމަލާތަކުން ލިބުނު ފައިސާ އެއް ކަމުން އެއީ މަނީ ލޯންޑަރިން ކަމަށް ނުބެލެވޭނެ ކަމަށް ޔާމީންގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދެ ދައުވާއެވެ. ޔާމީންގެ މައްޗަށް ދައުލަތުން މި ދެ ދައުވާ އުފުލާފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދުު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔޫސުފް ނައީމްގެ ކުންފުންޏަކަށް އާރަށް ހޯދައި ދިނުމަށްޓަކައި ޔާމީން ނުފޫޒު ފޯރުއްވައި އަދި ރިޝްވަތުގެ ނެންގެވި ކަމަށް ދައުވާގައި އޮތަސް، އެ ރަށް ކުއްޔަށް ދީފައި އޮތީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ އެކަމާ އެއްވެސް ގުޅުމެއް ހުރި ފައިސާއެއް ނޫން ކަމަށާއި އެއީ ޑޮލަރު ގަތުމުގެ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ. އެއީ ސައްހަ ވިޔަފާރީގެ މުއާމަލާތަކުން ޔާމީނަށް ލިބިވަޑައިގަތް ފައިސާ ކަމަށާއި، އެ ފައިސާ ޔާމީން ބޭނުންފުޅު ކުރެއްވުމަކީ މަނީ ލޯންޑަރިން ކުރުން ކަމަކަށް ނުބެލެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައްދުގައި ދައުލަތުން ބުނީ ޔާމީން އޭރު ހުންނެވީ ރައީސް ކަމުގެ މަގާމުގައި ކަމަށް ވާތީ ގާނޫނު އަސާސީ އޮތް ގޮތުން ވިޔަފާރި ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެގޮތަށް ދައުލަތުން ބުނުމުން، މައްސަލައާ ނުގުޅޭ ވާހަކަތައް ދައުލަތުން ދައްކާ ކަމަށް ބުނެ ޔާމީންގެ ވަކީލުން އިއުތިރާޒް ކުރިއެވެ. އަދި އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވަނީ އެ އިއުތިރާޒް ބަލައި ގަނެ، މައްސަލައިގެ ބޭރުން ވާހަކަ ނުދައްކަން ދައުލަތަށް އަންގަވާފައެވެ.

ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވިގޮތުގައި، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ނެގުމާއި ޔޫސުފް ނައީމާއި ޔާމީނާ ދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތުގައި ގުޅުމެއް ނެތެވެ. އަދި ދައުލަތުން ދައުވާ ކުރަނީ އެ ދެ މުއާމަލާތް އެއްކޮށްލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ފިޔަވައި، އެ ބޭފުޅުންގެ ބަހަށް ބާރުދޭނެ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ބަހަށް އެކަނި ބިނާކޮށް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަން ޖަމީލް ފާހަގަ ކުރެއްވިއެވެ. އެހެންވެ، އެ މައްސަލައަކީ މަދަނީ މިންގަނޑުން ބެލިޔަސް ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުން ބައެއް ހެކިތައް ފޮރުވާފައިވާ ކަމަށާއި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ މަނިކުފާނު ފްރޭމް ކުރުމުގެ ސިލްސިލާއެއްގެ ތެރެއިން ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެއަށް ރައްދުގައި ދައުލަތުން ބުނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް އަދާކުރުމަކީ މީހަކު ފްރޭމް ކުރުން ކަމަށް ނުދެކޭ ކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ ބަހަށް ބާރުދޭން އެތައް ހެކިތަކެއް ހުންނާނެ ކަމަށާއި މިއީ އެ ހެކިތައް ބަލައިނުގަތުމަށް ނިންމޭނެ މަރުހަލާއެއް ނޫން ކަމަށް ދައުލަތުން ބުނެއެވެ. އަދި އެކަން ކުރެވޭނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާގައި ކަމަށެވެ.

މިއަދުގެ އަޑު އެހުމުގައި އިސްގާޒީ ޝަކީލް ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ދެއްވި އެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.