ހިޔާ ފްލެޓްތަކުގެ ކުލި ޖޫރިމަނާއަކާ ނުލައި، މި މަސް ނިމެންދެން ދެއްކޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީ ގެތެރެއިން އެޕްރީލް ގައި ދައްކަން ޖެހޭ ފައިސާ، މިމަހުގެ 10، 2022 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ކުރިން ކަނޑައެޅިފައިވާ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ޕޭމަންޓް ޕޯޓަލް އަދި ކައުންޓަރުން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައި ވާއިރު، އެއްވެސް އިތުރު ޖޫރިމަނާއެއް ނާރާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މިގޮތަށް ނިންމުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތްތަކަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން ގެންދާ ރައްޔިތުން އިތުރަށް ހޭލުންތެރިކުރުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، ކުލި ދެއްކުމުގެ ކަންކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށާއި އެހީތެރިވުމަށް މިއަދުން ފެށިގެން ކޮންމެ ރެއަކު 8 އިން 11 އަށް ހިޔާ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތަށް ނިންމި ކަމުގައި ވީނަމަވެސް މެއި 2022 އިން ފެށިގެން ކޮންމެ މަހެއްގެ ވެސް ޖޫރިމަނާއަކާއި ނުލާ ކުލިދެއްކުމުގެ އެއްމެ ފަހު ތާރީހަކީ އެމަހެއްގެ 10 ވަނަ ދުވަސް ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ އިރު، ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ވަނީ ސަރުކާރުން ނިންމާފައެވެ. އެހެން ކަމުން، އެތާގައި ދިރިއުޅޭ މީހުން މަހަކު 8،500 ރުފިޔާ ދައްކަން ޖެހޭނެއެވެ. އޭގެ އިތުރުން ހިނގާ ފެން، ކަރަންޓް، ކުނި ބިލްތައް ހުންނާނެއެވެ.