ފުވައްމުލައް ސިޓީ ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކު 500 ޑޮލަރުގެ ފީއެއް ނަގަން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެގޮތަށް ނިންމީ މިއަހަރުގެ ޖެނުއަރީ މަހުގެ 12 ގައި ބޭއްވި ކައުންސިލްގެ 33 ވަނަ ޖަލްސާގައި ކަމަށެވެ.

މިގޮތުން މި މަހުން ފެށިގެން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރު (7,725ރ.) ނެގުމަށް ނިންމާފައިވާ ކަމަށް އެއިއުލާނުގައި ބުނެއެވެ.

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގަމުން ދިޔައީ ދުވާލަކަށް 50 ޑޮލަރެވެ.

ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން ކަމަށް ފުވައްމުލަކު ކައުންސިލުން ބުނެއެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެެކެވެ.