އަތު ތެރޭގައި އޮތް ދިވެހި ވާހަކަފޮތަށް ބަލަހައްޓައިގެން އަހަރެން އިނީ އަޖައިބުވެފައެވެ. އަހަރެންނަކީ އެކި ނޫސްތަކުގައި ހުންނަ ދިވެހި ވާހަކަ ގަވައިދުން ކިޔައިއުޅޭ މީހެކެވެ. ވާހަކަ ކިޔުމަކީ އަހަރެންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ ފުންނާބު އުސް އެކި ލިޔުންތެރިން ލިޔެފައި ހުންނަ ވާހަކަތައް ކިޔައިނުލާ ރޭގަނޑުގެ ނިދިވެސް އަހަރެންނަށް ނުނިދެއެވެ. އެހެންނަމަވެސް މި ވާހަކައަކީ އަހަރެންނަށް މިހާތަނަށް ކިއިފައި ހުރި ވާހަކަތަކުގެ ތެރެއިން ތަފާތު އެއް ވާހަކައެވެ. ވާހަކަ ލިޔެފައިވަނީ ދަރިއަކު ދެކެ އިންތިހާއަށް ލޯބިވާ މައެކެވެ. ވާހަކަ ކިޔުމަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް މިވާހަކަ ހިއްސާކޮށްލަން ބޭނުންވީ ވާހަކައިގެ ތަފާތުކަމެއް ހުދު އަހަރެންނަށްވެސް ފާހަގަވީތީއެވެ.
އެންމެ ފުރަތަމަ މިވާހަކައަށް އަހަރެން ޝައުގުވެރިވީގޮތް ކިޔައިދޭނަމެވެ. އެއީ މޫސުން ރީތި ދުވަހެކެވެ. އާދައިގެ މަތިން އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަހަރެން ދިޔައީމެވެ. އާންމުކޮށް މެންދުރުގެ ކެއުމަށް ލިބޭ އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅުގައި ކާއެއްޗެއް ކައިގެން އަހަރެން ބަލަނީ ކޮންމެވެސް އޮންލައިން ނޫހަކުން ވާހަކައެއް ކިޔާލެވޭތޯއެވެ. އެގޮތުން ނޫހެއް ހުޅުވާލިތަނާ އަހަރެންގެ ލޮލުގައި އިޝްތިހާރެއް އަޅައިގަތެވެ. "ހަގީގަތުގައިވެސް ތަފާތު ލޯތްބެއް އެކުލެވޭ ވާހަކައެއް. ތަފާތު ލޯތްބެއް. މިހާރު ވިކެމުންދަނީ" އެ އިޝްތިހާރު އަހަރެން ކިޔާލީމެވެ. އެވާހަކަ ކިޔާލަން އަހަރެންގެ ހިތްއެދުނެވެ. އެހެންނަމަވެސް ކިތަންމެ ވާހަކަ ކިޔާހިއްވިޔަސް އަގުދީފައި ފިހާރަތަކުން ވާހަކަ ފޮތްތައް ގަނެގެން ކިޔުމަކީ އަހަރެން ކުރާހިއްވާ ކަމަކަށް ނުވާތީ އެވާހަކަ ކިޔުމުގެ ހިޔާލު ދޫކޮށްލީމެވެ.
އޮފީސް ނިންމާފައި ނިކުންނަން ދަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ރިސެޕްޝަނުގައި އިން އަންހެންކުއްޖާ ކިޔަން އިން ވާހަކައަށެވެ. އެއީ އިޝްތިހާރުން ފެނުނު ވާހަކަ ކަން އިނގުމުން އަހަރެން ހިނިއައެވެ. އެއީ ހަމަ އެހާވަރުން ގަނެގެން ކިޔަންޖެހޭވަރުގެ ވާހަކައެއްބާއޭ ހިތަށް އެރިއެވެ. ވާހަކަ ގަނެގެން ކޮންމެހެން ނުކިޔަސް ކޮންމެސް ދުވަހަކުން ކިޔާލެވޭނެ ނޫން ހެއްޔެވެ؟
ސިނަމާލެ ބްރިޖްމަތިން ޓްރެފިކް ލައިޓަށް ސައިކަލް މަޑުކޮށްލި ވަގުތެވެ. އަހަރެންނާ އެއް ހަމައެއްގައި ކާރެއް މަޑުކޮށްލިއެވެ. އަހަރެން ބަލައިލިއިރު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ހުއްޓާ ފެނުނެވެ. ކާރުން ނަޒަރު ވަކިކޮށްލާފައިވެސް ދެވަނަ ފަހަރަށް އަހަރެންގެ ނަޒަރު އެދިމާލަށް ބަދަލުކޮށްލަން މަޖުބޫރުވީ ކާރުގެ ފަހަތު ޝީޓުގައި އިން އަންހެނަކު ކިޔަން އިން ވާހަކައެއް ފެނިފައެވެ. އެއީ ހަމަ އެވާހަކައެވެ. އިޝްތިހާރުން ފެނުނު ވާހަކައެވެ. ހަމަ އެހާ ތަފާތު ވާހަކައަކީ ހެއްޔެވެ؟ އެވާހަކައިގެ ހުރި ތަފާތު ކަމަކީ ކޮބާ ހެއްޔެވެ؟ ކޮންމެއަކަސް ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ޓްރެފިކް ލައިޓް ފެހި ވެއްޖެއެވެ.
ގެއަށް ވަނުމުގެ ކުރިން ކައްކަން ބޭނުންވާ ބައެއް ސާމާނު ގަނެލަން ގޭ ކައިރީގައި ހުރި ފިހާރައަށް ވަނީމެވެ. ފިހާރައިގައި މީހުން މަދެވެ. ބޭނުންވާ ސާމާނު ނަގައިގެން ކައުންޓަރަށް ލާރި ދައްކަން އައިސް ހުއްޓުނީމެވެ. ކަސްޓަމަރަށް އިހުތިރާމް ކުރުމުގެ ގޮތުން ކައުންޓަރުގައި އިން ފިރހެންކުއްޖާ ކިޔަން ގެންގުޅުނު ވާހަކަފޮތް ތިރިކޮށްލިއެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ އެ ވާހަކަފޮތަށެވެ. އަނެއްކާވެސް ހަމަ އެ ތަފާތު ވާހަކައެވެ. އަޖައިބެއް ނޫން ހެއްޔެވެ؟ މިއީ ދުވަހަކުވެސް ވީ ގޮތެއް ނޫނެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އެއް މަންޒަރެކެވެ. އާންމުކޮށް ވާހަކަ ކިޔާތަން ފެންނަނީ އަންހެންކުދިންނެވެ. މިފަހަރު އެމަންޒަރު މިފެނުނީ ފިރިހެން ކުއްޖެއްގެ ފަރާތުންނެވެ.
"ހާދަ މީހަކު މިވާހަކަ ކިޔާ ތަން މިއަދު އެބަ ފެނެއޭ" އެންމެފަހުން އަހަރެންނަށް ބުނެވުނެވެ. ގަތް އެއްޗިހި ކޮތަޅަކަށް އަޅާފައި އަހަރެން އަތަށް ދެމުން ފިރިހެންކުއްޖާ ހިނިތުންވެލިއެވެ.
"އާނ. ހަމަ ވަރަށް ތަފާތު. ތަފާތު ލޯތްބެއް" އެކުއްޖާ ބުންޏެވެ.
ލިފްޓް ތެރޭގައި ހުރެވެސް އަހަރެންނަށް އެ ވާހަކަ އާ މެދު ވިސްނުނެވެ. އެ ފޮތް ގަނެގެން ކިޔަންވީ ހެއްޔެވެ؟ އެހާ އަވަހަށް އެވާހަކަ ވައިގައި ހިފީ ކީއްވެގެން ހެއްޔެވެ؟ ކޮންމެއަކަސް އެވާހަކަ ކިޔުމުގެ ޝައުގުވެރިކަން ހިތުގައި ބޮޑުވެގެން ހިނގައްޖެއެވެ.
"އަޅެ ބޭބީ ޕްލީޒް. މިލިޔަން ބުކްޝޮޕްގަ އެބަހުރި" ގަތް އެއްޗެހި މޭޒުމަތީގައި ބަހައްޓާފައި ހިނގައިގަތްތަނާ ކޮއްކޮ ގެ ކޮޓަރިން ވާހަކަދެއްކި އަޑު އިވުނެވެ. ކޮއްކޮ ވާހަކަ އެދައްކަނީ ކޮއްކޮގެ ފިރިމީހާ އާ ކަން އަހަރެންނަށް އިނގުނެވެ. އަހަރެން އެކޮޓަރިއަށް ވަތްތަނާ ފޯނުގައި ހުރި ކޮއްކޮ ބަލައިލިއެވެ.
"މިލިޔަން ބުކްޝޮޕްގަ ކޯޗެއް ހުރި ވާހަކަ" އަހަރެން އެހީމެވެ.
"ދޮންތައަކަށް ނޭނގޭތަ. މިދައްކަނީ ތަފާތު ލޯތްބެއްގެ ވާހަކަ" ކޮއްކޮ ބުންޏެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެންމެފަހުން އެ ވާހަކައިގެ އަސަރު ގެއާ ހަމައަށް ފޯރައިފިއެވެ. ޔަގީނެވެ. އެވާނީ ހަމަ ވަރަށް ތަފާތު ވާހަކައަކަށެވެ.
އަނެއް ދުވަހު އޮފީސް ނިމުމާއެކު އެންމެ ސިކުންތެއްވެސް ލަސްނުކޮށް އައީ ގެއަށެވެ. ކުރަންހުރި ހުރިހާ މަސައްކަތެއް ކޮށްފައި ނުވައެއް ނުޖަހަނީސް ކޮއްކޮ އަތުން ވާހަކަފޮތް ހޯދައިގެން އެނދަށް އެރީމެވެ. ހުރިހާ މީހުން މޮޔަވެގެން އުޅޭ ވާހަކަ ކިޔާލާނަމޭ ހިތާ އެ ފޮތް ހުޅުވާލީމެވެ.
ތަފާތު ލޯތްބެއް ވާހަކައިގެ ތެރެއިން.....
އަހަރެންނަކީ ލިޔުންތެރިއެއް ނޫނެވެ. އަދި ވާހަކަ ކިޔައިއުޅޭ މީހެއްވެސް ނޫނެވެ. އެހެންނަމަވެސް ވާހަކައެއްގެ ސިފައިގައި މިފޮތް ލިޔަން މަޖުބޫރުވީ އަހަރެންގެ ހިތުގައި އަހަރެންގެ މަރުހޫމް ދަރިފުޅަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. މިއީ ހަގީގީ ވާހަކައެކެވެ. މި ވާހަކަ ކިޔައިދޭން ފެށުމުގެ ކުރިން ލޯބިވާ ދަރިފުޅުގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން.
އަހަރެންނަކީ އެކަނިވެރި މައެކެވެ. އުމުރުން ސާޅީސް ދެ އަހަރު ވިއިރު އަށާރަ އަހަރުގެ ޒުވާން ފިރިހެން ދަރިއަކު އަހަރެންގެ ހުއްޓެވެ. ދަރިފުޅަށް ކިޔަނީ މުޙައްމަދު އަމަން އެވެ. ހުރި ހަމައެކަނި އެ ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން އަހަރެން ބޭނުންވިއެވެ. އެހެންކަމުން ދަރިފުޅު ބޭނުންވެގެން ބުނި ކޮންމެ އެއްޗެއް އަހަރެން ހޯދައިދެމެވެ. ދަރިފުޅާއެކު އަހަރެންގެ ހަޔާތުގެ ކޮންމެ ދުވަހެއް ހޭދަވެގެން ދަނީ އުފަލާ ހިތްހަމަޖެހުމުގައެވެ. އެހެންނަމަވެސް އެ އުފާވެރިކަން ދެމިގެން ދިޔައީ ދަރިފުޅުގެ އުމުރުން އަށާރަ އަހަރާ ހަމައަށެވެ. ވަރަށް ބަލިވެފައި މިދުނިޔެ އާ ދަރިފުޅު އަލްވަދާޢު ކިއި ހިސާބުން އަހަރެންގެ މުޅި ދިރިއުޅުން ބަނަވެއްޖެއެވެ. މުޅި ދުނިޔެއަށް އަހަރެން އެކަނިވެރި ވެއްޖެއެވެ. އެދަރިފުޅާއެކު އަހަރެންގެ ހުރިހާ އުފާވެރިކަމެއްވެސް ފަސްއަޅާ ފޮރުވިގެން ހިނގައްޖެއެވެ.
ދަރިފުޅަކީ ދުވަހަކުވެސް ބޮޑު ބައްޔަކަށް ބޭސްކުރި ކުއްޖެއް ނޫނެވެ. އުމުރުގައިވެސް ދަރިފުޅު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީ އެންމެ ފަހަރަކުއެވެ. އެއީ ދަރިފުޅު ވަރަށް ތުއްތު އިރުގައެވެ. ގަވައިދުން ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ކެއުމަކީ ދަރިފުޅު ވަރަށް ލޯބިކުރާ ކަންކަމެވެ. މާގިނަ ރައްޓެހިންނެއްވެސް ދަރިފުޅު ނުގެންގުޅެއެވެ. އަހަރެންނަކީ ދަރިފުޅުގެ އެންމެގާތް އެކުވެރިޔާއެވެ. ކޮންމެ ކަމެއްވިޔަސް ދަރިފުޅު އެކަން އެންމެ ކުރިން ހިއްސާކުރަނީ އަހަރެންނާއެވެ. ކަންދިމާކުރި ގޮތުން މަރުބައްޔާ ހަމައަށް ދަރިފުޅު ވާސިލުވާންޖެހުނު ހަގީގަތް ދަރިފުޅަށް އަހަރެންނަށް ކިޔައިނުދެވުނެވެ.
ދަރިފުޅު ބަލިވާން ފެށުމުން އެތައް ޑޮކްޓަރުންނަކަށް ދަރިފުޅު ދެއްކީމެވެ. މާލެ ގެނެސް ޓެސްޓްތައް ހެދީމެވެ. ރާއްޖެއިން ބޭރަށް ތިންފަހަރަށް ދިޔައީމެވެ. ޑޮކްޓަރުން ދިން ބޭހަކުން ދަރިފުޅަށް އައި އެއްވެސް ބަދަލެއް ނެތެވެ. ނަތީޖާ ހަމަ ސުމެކެވެ. އަހަރެން ހާސްވެ ކަންބޮޑުވާން ފެށީ ދުވަހަކަށްފަހު ދުވަހެއް ދަރިފުޅުގެ ހަށިގަނޑު އަނަރޫފަވަމުން އަންނަން ފެށުމުންނެވެ. ދަރިފުޅުގެ ކަމަކީ އަބަދު ރުއިމެވެ. ހިތުގައި ޖެހިފައި ރޯއިރު އަހަރެންގެ ހިތަށް ހާދަ ތަދެއް ވެއެވެ. އެތައް ފަހަރަކު އަހަރެން ދަރިފުޅާ ސުވާލު ކުރީމެވެ. "ދަރިފުޅު ކަމަކާ ދެރަވަނީ ހެއްޔެވެ؟ މަންމައަށް ކަމެއް ގޯސްކޮށް ކުރެވުނީ ހެއްޔެވެ؟ ތަނަކަށް ތަދުވަނީ ހެއްޔެވެ؟" ޖަވާބުދޭން ދަރިފުޅު މަސައްކަތް ކުރެއެވެ. ވާހަކަދައްކަން އަނގަ ހަލުވާފައިވެސް އަނެއްކާވެސް ދެލޮލުން ކަރުނަތަކެއް ބާލާފައި ފަށަނީ ރޯށެވެ.
އެންމެފަހުން ދަރިފުޅު ގޮވައިގެން ރުގުޔާ ކުރާ މީހެއްގެ ކައިރިއަށް ދިޔައީމެވެ. ދަރިފުޅު ބާއްވައިގެން ތިރީސްފަސް މިނިޓް ކިޔެވިއިރުވެސް ދަރިފުޅަށް ބަދަލެއް ނާދެއެވެ. އެހެންކަމުން އެކަމަކީ ރޫހާނީ ކަމަކާ ގުޅޭ ކަމެއް ނޫންކަން އިނގުނެވެ. ދަރިފުޅު ގޮވައިގެން ގެއަށް އައިސް އަނެއްކާވެސް ސުވާލުތައް ތަކުރާރު ކުރީމެވެ. ދަރިފުޅަށް ޖަވާބެއް ނުދެވުނެވެ. ރޯންފެށިގޮތަށް އަހަރެންގެ އުނގުގައި ބޯއަޅައިފިއެވެ. ހެއްދެވިފަރާތާ ވަކީލުކޮށްލައިގެން ދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމަން އެތައް އިރަކު އަހަރެން އިނީމެވެ. ކުއްލިއަކަށް ދަރިފުޅަށް އެ އައި ބަދަލުގެ ސަބަބުން ވިސްނުމާއި ފިކުރުތަކުގެ ކަނޑަކަށް އަހަރެން ގަންބާލައިފިއެވެ.
އަނެއްކާވެސް ދަރިފުޅަށް ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން ޑޮކްޓަރަކާ ބައްދަލުވިއެވެ. އެއީ ނަފްސާނީ ޑޮކްޓަރެކެވެ. ޑޮކްޓަރު ބޭނުންވީ ދަރިފުޅާ ވަކިން ވާހަކަދައްކާލާށެވެ. އެތައް ސުވާލުތަކެއް ކުރި ފަހުން ދަރިފުޅުގެ ފަރާތުން ޑޮކްޓަރަށް ލިބުނީ އެންމެ ޖަވާބެކެވެ. އެ ޖަވާބު އަހަރެންނާ ހަމައަށް ގެނެސްދިނީ ޑޮކްޓަރެވެ.
"ވީގޮތް ކިޔައިދޭން އަމަން މަސައްކަތްކުރޭ. އަހަރެން ދިހަ ވަރަކަށް ސުވާލުކުރިން. ޖަވާބުދިނީ އެންމެ ސުވާލަކަށް. އަމަން ބުނަނީ އަބަދުވެސް ހިތަށް މަންޒަރެއް ސިފަވާކަމަށް. ހިތަށް ވަރަށް ތަދުވާކަމަށް. އެބަލިން ރަނގަޅުވާނޭ ކަމުގެ އުންމީދު ހުދު އަމަން ވަނީ ކަނޑާލާފަ" ޑޮކްޓަރާ އެވަރަށް ވެސް ދަރިފުޅު ވާހަކަދެއްކީތީ އަހަރެން ހިތްހަމަޖެހުނެވެ. އެކަމަކު އެއްވެސް އުންމީދެއް ނެތް ފަދައިން ރަނގަޅު ނުވާނޭކަމަށް ދަރިފުޅުގެ ދުލުން ބުނިކަން އިނގުމުން އަހަރެން އިންތިހާއަށް ދެރަވިއެވެ. ދަރިފުޅު ގެއަށް ގެނެސްފައިވެސް އެތައް އިރަކު އަހަރެންނަށް ވިސްނުނެވެ. ދަރިފުޅު އެބުނާ މަންޒަރަކީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ ހިތަށް ތަދުވަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އަހަރެންނަށް އިނގިގެން ދަރިފުޅު އުޅެނީ ލޯބީގެ ގޮތުން ކުއްޖަކާ ގުޅިގެނެއްވެސް ނޫނެވެ. ކުއްލިއަކަށް އަހަރެން ކަމެއްގެ މަތިން ހަނދާންވިއެވެ. އެކްސިޑެންޓެއްގައި ރަށުން ވަރަށް ފަހުން އަންހެންކުއްޖަކު ސީރިޔަސްވިއެވެ. ޑޮކްޓަރުންގެ މަސައްކަތުން އެކުއްޖާ ސަލާމަތްވިކަމުގައި ވިޔަސް އެކުއްޖާއަކީ މިހާރު ނުކުޅެދޭ ކުއްޖެކެވެ. އަނެއްކާ އެ އަންހެންކުއްޖާއަކީ ދަރިފުޅުގެ ހިތާ ވަރަށް ކައިރި ކުއްޖެއްބާއެވެ؟
ދަރިފުޅަށް ހެޔޮ ބަދަލެއް އާދޭތޯ އަހަރެންގެ އެތައް ކަމެއް ގުރުބާން ކުރަމުން ދިޔައީމެވެ. ގިނަވަގުތު ދަރިފުޅާއެކު ހޭދަކުރެވޭތޯ މަސައްކަތް ކުރަން ފެށީމެވެ. ދަރިފުޅުގެ މަދު އެކުވެރިންތައް ގެއަށް ގެނެސް މުޅި ގޭތެރޭގެ މާހައުލު ބަދަލުކޮށްލީމެވެ. ވިސްނުންތަކާ ފިކުރުތަކުގެ ދުނިޔެއިން ދަރިފުޅު ނެރުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރީމެވެ. ދަރިފުޅަކީ ކުރަހަން ލޯބިކުރާ ކުއްޖަކަށް ވާތީ ކުރަހަން ބޭނުންކުރާ ހުރިހާ ސާމާނެއް ބޮޑު އަގުގައި ހޯދައި ދިނީމެވެ.
ދަރިފުޅުގެ ހާލު ބޮޑުވީ ދުވަހެވެ. އެދުވަހަކީ އަހަރެންގެ ދަރިފުޅު އަހަރެންގެ ދެލޮލަށް ފެންނާނެ ފަހު ދުވަސްކަން ނޭނގޭ ހާލު އަހަރެން އެނދުގައި އިނީ ދަރިފުޅަށް ބަލަހައްޓައިގެންނެވެ. ހޮސްޕިޓަލަށް ގެންދަން އުޅުމުން އެކަން މަނާކުރީ ދަރިފުޅެވެ. ވަގުތުތަކެއް ބޭކާރު ނުކުރާށޭ ދަރިފުޅު ބުންޏެވެ. އެދުވަހު އަހަރެންނާ ވާހަކަދެއްކޭތޯ ދަރިފުޅު މަސައްކަތް ކުރިއެވެ. އެކަން ދަރިފުޅު ކާމިޔާބުވެސް ކުރިއެވެ. ދަރިފުޅުގެ ބައްޔާ ގުޅިފައިވާ ހަގީގީ ސަބަބުން ބައެއް އަހަރެންނަށް ކިޔައިދިނެވެ. ވާހަކަތައް ރަނގަޅަށް ފުރިހަމަނުކުރެވިގެން އުޅެނިކޮށް މަރުގެ މަލާއިކަތާ ހަވާލުވެފައިވާ މަސްޢޫލިއްޔަތައިގެން ހާޟިރުވެއްޖެއެވެ. އަހަރެންގެ މުޅި ދުނިޔެ އަނދިރިކޮށްލާފައި މި ފިތުނަވެރި ދުނިޔެ ދޫކޮށް އަމާންކަން ލިބިގެންވި ދުނިޔެއަށް ދަރިފުޅު ދަތުރުކޮށްފިއެވެ. އަހަރެންގެ މުޅި ރޫހް ހިފައިގެންނެވެ.
އަހަރެންގެ ދަރިފުޅަކީ ޖަނަވާރުންނަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. މަސްމަހާ ބުޅަލާ ދޫނި ފަދަ ޖަނަވާރުން ގެންގުޅެން ބޭނުންވާ ވާހަކަ ބުނާނެއެވެ. އެކަމަކު އެކަން ކުރަން ބޭނުންވަނީ ހަރުދަނާ ވަޒީފާއެއް އަދާކޮށް އަމިއްލަ ފައި މައްޗަށް ތެދުވެގެން ކަމަށް ބުންޏެވެ. ރާއްޖޭގައި ޖަނަވާރުންނަށް ފަރުވާދޭ ބޮޑު ހޮސްޕިޓަލެއް ގާއިމުކުރާނެ ކަމަށާއި، ބޭނުންވަނީ ޖަނަވާރުންނަށް ފަރުވާކުރާ ޑޮކްޓަރަކަށް ވާށޭވެސް ބުނާނެއެވެ. ކަންދިމާކުރި ގޮތުން އެ ނަސީބު ނުލިބި މިދުނިޔެއިން ދަރިފުޅު ދާން ޖެހުނީއެވެ.
ދެން މިހިސާބުން އަހަރެން ހިއްސާކޮށްލަން މިއުޅެނީ ދަރިފުޅުގެ ބައްޔާ ގުޅޭ ހަގީގީ ސަބަބެވެ. ފަހަރެއްގައި އަޑުއަހާ މީހުންނަށް މިކަން ވަރަށް މަޖާ ކަމަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް މިއީ މަޖާކަމެއް ނޫނެވެ. ހަގީގަތް އިނގުނު ހިސާބުން ހުދު އަހަރެންނަށްވެސް ގަބޫލުކުރަން ދަތިވިއެވެ. އެކަމަކު ހަގީގަތް ވާނީ ހަމަ ހަގީގަތަށެވެ.
ދަރިފުޅުގެ މަރުބަލީގެ ތުންފަތް މައްޗަށް ދާންޖެހުނު ދުވަހެވެ. އަހަރެން އޮފީހުން އައިސް ގެއަށް ވަންއިރު ދަރިފުޅު ސޯފާގައި ލެޕްޓޮޕް ހިފައިގެން އޮތެވެ. އަހަރެން ފެނުމާއެކު ހިނިތުންވުމެއް ދިނެވެ. ކޮޓަރި އާ ހަމައަށް ރަނގަޅަށް ނުދެވެނީސް މަގުމަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑަކާއެކު އިމާރާތަށް ގުޑުން އަރައިގެން ދިޔައެވެ.
"ކޮން އަޑެއް؟" އަހަރެންނަށް އެހުނެވެ. ދޮރާ ދިމާލަށް ދުއްވައިގަނެވުނީ އަހަރެންނާ ދަރިފުޅަށް އެއްކޮށެވެ. ފެނުނު މަންޒަރަކުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ގޭދޮރުމަތީގައި އޮތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ސައިކަލުގައި ތިބި ދެމީހުންނާއި ގޭ ކައިރީގައި ހުރި ފިހާރައަށް ވަންނަން އައި ދަރިފުޅާ އެއް އުމުރުގެ އަންހެންކުއްޖަކު އޮތީ ވިއްސައިގެން ގޮސްފައެވެ. މުޅި ސަރަހައްދުގައި އޮތީ ލޭގެ ކޯރެއް ހެދިފައެވެ.
މަޣްރިބް ނަމާދުކޮށްގެން އަހަރެން ކޮޓަރިން ނިކުތްއިރުވެސް ދަރިފުޅު ހުރީ ގޭދޮރުމަތީގައި މަގުމައްޗަށް ބަލަހައްޓައިގެންނެވެ. އެތަނުގައި އޭރުވެސް ލޭ ހުއްޓެވެ. އަހަރެން ފެނުމާއެކު ދަރިފުޅު ރޯން ފެށިއެވެ. ދުވަހަކުވެސް އެހާ ދެރަވެފައި ދަރިފުޅު ރުއި މަންޒަރެއް އަހަރެން ނުދެކެމެވެ. ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ދަރިފުޅުގެ ރުއިން ހުއްޓާ ނުލައެވެ. އެހެން ހުރެފައިވެސް ރޯން ފަށާފާނެއެވެ. ނިދާ ހޭލައިގެން އެނދުގައި އޮވެވެސް ރޮނީއެވެ. އެކްސިޑެންޓްގައި އަނިޔާވި އަންހެންކުއްޖާއަކީ ދަރިފުޅުގެ ލޯބިވާ ކުއްޖެއްތޯ ސުވާލުކުރީމެވެ. ދެފަރާތަށް ބޯހޫރާލާފައިވެސް އަހަރެންގެ ދެއަތުގައި ހިފަހައްޓައިގެން އިނދެ ރޮމުން ދިޔައެވެ. ބައެއްފަހަރު އެއްޗެއް ބުނަން އުޅޭހެން ހީވެއެވެ. އެކަމަކު ނުބުނެވެނީސް ރޮއެރޮއެ މީހާ ހިނދެނީއެވެ.
ހިތުގައި އުފެދުނު ސުވާލުތަކުގެ ފުރިހަމަ ޖަވާބު އަހަރެންނަށް ލިބުނީ ދަރިފުޅު ނިޔާވި ހަފްތާގައި ދަރިފުޅު ކުރަހާފައި ހުރި ކުރެހުންތަކުންނެވެ. އެއީ ދަރިފުޅު ނިޔާވުމުގެ އެއް ދުވަސްކުރިން ކުރަހާފައިވާ ކުރެހުމެކެވެ. އެކަން އިނގުނީ ކުރެހުމުގެ މަތީގައި ތާރީހު ޖަހާފައި ހުރުމުންނެވެ. އެކުރެހުމާ މެދު އެތައް ފަހަރަކު އަހަރެން ވިސްނީމެވެ. ހަގީގ ސަބަބުން އަހަރެންނަށް ހާމަވެގެންދިޔަ ހިނދު މޫނުގައި ދެއަތް އަޅާފައި ބާރަށް ރޮއެގަނެވުނެވެ. އާއެނކެވެ. އަހަރެންގެ ދަރިފުޅަށް އައި ބަދަލެއް އައީ އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދުން ފެނުނު ހިތް ފަޅައިގެންދާފަދަ މަންޒަރަކުންނެވެ. އެދުވަހު ބޮޑު އަނިޔާއެއްވީ ހަމައެކަނި ޒުވާން އަންހެންކުއްޖަކަށް ނޫނެވެ. ގަވައިދުން ކާންދެމުން އޮޅުންކޮށްގެން ގޭދޮށުގައި ދަރިފުޅު ގެންގުޅުނު ބުޅަލަކާ އޭގެ ހަތް ދަރިންވެސް މަރުވެގެން ދިޔައީއެވެ. އެދުވަހު އެ ބުޅަލަށްޓަކައި ކަރުނަ އެޅި އެއްވެސް މީހަކު އެތަނުގައި ނެތެވެ. އަހަރެންގެ ދަރިފުޅު ފިޔަވައެވެ. އަވަސް ފަރުވާދޭން އަންހެންކުއްޖާ ގެންދެވުނުއިރު އެ ބުޅަލަށް ރަހުމު ހީވާނެ އެއްވެސް މީހަކު ނެތެވެ. އެމަންޒަރު ފެނުނު ލޮލެއްވެސް ނެތެވެ. ވާހަކަދެއްކުމުގެ ކުޅަދާނަކަން ލިބިފައިނުވާ އެ ޖަނަވާރު މަރަށް ތެޅެމުން ދިޔަ މަންޒަރު ތަކުރާރުކޮށް އަހަރެންގެ ދަރިފުޅުގެ ހިތަށާއި ސިކުނޑިއަށް ހަމަލާދެމުން ގޮސް ދަރިފުޅު އެއްކޮށް ބަލިކޮށްލީއެވެ. އެ ކުރެހުމުގައި ދަރިފުޅު ދައްކުވައިދީފައިވަނީ އެ ޖަނަވާރު މަރަށް ތެޅެމުންދިޔަ މަންޒަރެވެ. ދެން ދަރިފުޅު ލިޔެފައިވާ ބަސްކޮޅެވެ. "އެއްވެސް މީހަކު ރަހުމު ނުކުރިޔަސް އަހަރެން ރަހުމު ކުރަމެވެ. މަރުވެ މިދަނީވެސް ހިތަށް ކެތްނުވެގެންނެވެ"
ވާހަކަފޮތް އެކީގައި ނިންމާލެވުނުއިރު އަހަރެންގެ ދެކޯތާފަތް ވަނީ ކަރުނަތަކުން ތެމިފައެވެ. ހިތަށް އެރިއެވެ. ހަގީގަތުގައިވެސް ތަފާތު ވާހަކައެކެވެ. ތަފާތު ލޯތްބެކެވެ.