ސޯސަން މަގުގައި ހުންނަ ހެންވޭރު ސިޓީ ބޭކަރީ ކައިރިއަށް އެ ސަރަހައްދުގައި ހުރި ގަހަކުން ބޮޑު ގޮފިގަނޑެއް ވެއްޓި، މަގު ބެދިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، ސިޓީ ބޭކަރީ ހުންނަ ސަރަހައްދަށް ވެއްޓިފައިވަނީ ސޯސަން މަގުގައި ހުންނަ ކެލާމާ ވޯކްޝޮޕް ކައިރީގައި ހުރި ގަހެއްގެ ގޮފިގަނޑެކެވެ. އެ ގޮފިގަނޑު ވެއްޓުމުގެ ސަބަބުން އެ މަގު ވަނީ ބެދިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސޯސަން މަގުގައި ހުރި ގަހެއްގެ ގޮފިގަނޑެއް ވެއްޓި، މަގު ބަންދުވެފައިވާ ކަމުގެ މައުލޫމާތު މީގެ ކުޑަ އިރުކޮޅެއް ކުރިން ލިބިފައިވާ ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ގޮފިގަނޑު މީހެއްގެ ގައި މައްޗަށް ވެއްޓުނުތޯ އެހުމުން އޮފިޝަލް ވިދާޅުވީ، އެފަދަ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، އެ ގޮފިގަނޑު ވެއްޓި ސޯސަން މަގު ބެދިފައި އޮތުމުން، އެ ގޮފިގަނޑު ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.