ސަރުކާރުން އެއްވެސް ކުޅިވަރެއް އިސްތިސްނާ ނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ މުލީއާގޭގައި ރައީސާއި ރޭސިން އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ އެއްކޮށް ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ. އެ ބައްދަލު ކުރެއްވުމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ރޭސިން އެސޯސިއޭޝަންގެ މެންބަރުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ބައެއް ދަތިތައް ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން މޮޓޯ ސްޕޯޓްސްގައި ހަރަކާތްތެރިވާ ފަރާތްތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ސަރަހައްދެއް ބޭނުންވުމާއި، ރޭސިން ޓްރެކެއް އޮތުން ފަދަ ކަންކަން އެ އެސޯސިއޭޝަންގެ މެންބަރުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ރޭސިން އެސޯސިއޭޝަނާއެކު ރައީސް މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވަކި ކުޅިވަރެއް އިސްތިސްނާނުކޮށް ހުރިހާ ކުޅިވަރެއް ކުރިއެރުވުމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، ރޭސިން އެސޯސިއޭޝަނުން ފާހަގަކުރި ކަންކަން ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރައްވައި އެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.