ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ފެންނަ މިންވަރު ހިސާބަކަށް މަޑުޖެހިފައި އޮތުމަށް ފަހު، އަވަށްޓެރި އިންޑިއާގެ 5 ސަރަހައްދަކުން ކޭސް ރިޕޯޓް ކުރާ މިންވަރު އިތުރުވާން ފަށައިފިއެވެ.

އިންޑިއާގެ 5 ސަރަހައްދަކުން ރިޕޯޓް ކުރާ ކޮވިޑް ކޭސްތައް އިތުރު ވާން ފެށުމާއެކު، އިންޑިއާގެ ޔޫނިއަން ހެލްތު ސެކްރެޓަރީ ރާޖޭޝް ބުޝާން ވަނީ، ކޮވިޑަށް ސަމާލުވުމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލުމަށް އެ ސަރަހައްދުތަކަށް ގޮވާލައްވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގައި މިވަގުތު ކޮވިޑް ކޭސްތައް އިތުރު ވަމުން ދަނީ ވެރިކަން ކުރާ ދިއްލީގެ އިތުރުން ހަރްޔާނާ، ކެރަލާ، މަހާރާޝްތުރާ އަދި މިޒޯރާމް ސަރަހައްދުގައެވެ. އެ ސަރަހައްދުތަކަށް ފޮނުއްވި ހާއްސަ ސިޓީއެއްގައި ޔޫނިއަން ހެލްތު ސެކްރެޓަރީ ރާޖޭޝް ބުޝާން ވަނީ ހަރުކަށި އުސޫލުތަކުގެ ދަށުން މަސްރަހު ވިލަރެސް ކުރަމުން ދިއުމަށާ، ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލައްވާފައެވެ.

މި ދަނޑިވަޅަކީ ކޮވިޑް ތޫފާނީ ރާޅުތަކަކަށްފަހު އާންމު އުސޫލަށް ރުޖޫއަވެ، އިގުތިސޯދު ހިންގަން ފެށުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއް ކަން ފާހަގަ ކުރައްވަމުން ބުޝާން ވަނީ ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަން ޖެހިފައި ވާ ކަން ފާހަގަ ކުރައްވާފައެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ކޮވިޑް ކޭސްތައް އެންމެ ބޮޑަށް އިތުރު ވެފައި ވަނީ ކެރަލާ ސްޓޭޓްގައެވެ. އިންޑިއާއިން މިދިޔަ ހަފުތާގައި ފެނުނު ކޭސްތަކުިގެ 31.8 ޕަސެންޓް ހިއްސާ ކޮށްފައި ވަނީ ކެރަލާ ސްޓޭޓުންނެވެ.