ޑިއުޓީ ނިންމާލާފައި ގެއަށް ދާން ނުކުތްއިރު މެންދަމު ބާރަޖެހީ އެވެ. ގެއާ މާދުރުނޫން ހިސާބަކަށް އާދެވިފައި ހުއްޓާ ކުރިމަތިން މީހަކު ހުރަސްކުރިހެން ހީވިއެވެ. ކުއްލިއަކަށް ހިތްބިރުގަނެ އަހަރެން ބިރުން ރޫރޫ އަޅަން ފެށިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. އަހަރެންނަށް މަޑުމަޑުން ލޯހުޅުވާލެވުނެވެ. ވަށައިގެންވި ފުސްކަމާއި އަނދިރިކަމުގެ ސަބަބުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަދެގެންދިޔައެވެ. ރަނގަޅަށް ދެލޯ ފޮހުލުމަށްފަހު ވަށައިގެން ހޯދާލީމެވެ. މަންޒަރު ސާފުވާން ނެގީ މަދުވަގުތު ކޮޅެކެވެ. އަހަރެންނަށް އޭރު ހުރެވުނީ އަހަރެންގެ ގޭގެ ވަލުފަރާތުގައި ހުރި އަނބުގަސް ދަށުގައެވެ.

އަހަރެން އެތަނަށް އާދެވުނު ގޮތާމެދު ވިސްނަން ހުއްޓާ ފަހަތުން ބުޅަލެއް ގޮވާލި އަޑު އިވިފައި އަހަރެންގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އަހަރެން އަވަސް އަރުވާލާފައި ގޭގެ ވަލުދޮރުން ވަންނަން ފެށުމުން ބައްޕަގެ ސުވާލުތައް އަހަރެންނަށް އަމާޒުވިއެވެ. އަހަރެން އެކަމަށް ސަމާލުކަން ނުދީ އަވަހަށް ކޮޓަރިއަށް ވަދެ ހަމަޖެހިލެވޭތޯ މަސައްކަތް ކުރީމެވެ. އަހަރެން ހޭނެތުނުކަން އަހަރެންނަށް އެނގެއެވެ. އެކަމަކު މަގުމައްޗަށް ހޭނެތިގެން ވެއްޓުނު މީހަކު ގެއާއި ހިސާބަށް ފޯރީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ބޮލަށް މި ސުވާލު އުނދަގޫކުރާ ވަރުންނާއި ގަނެފައި ހުރި ބިރު ނުފިލާ ހުރުމުން އެރޭގެ ނިދި އަހަރެންނަށް ހަރާމްވި ކަހަލައެވެ.

ފަތިހުގޮވާ ހާލާއި ކޮވެލީގެ ނަލަ އަޑުގެ ތެރެއިން އަހަރެންގެ ކަންފަތަށް އުނދަގޫ ކުރަމުން ދިޔައީ ބުޅަލެއްގެ އަޑެވެ. ހީވިގޮތެއް ކަމަށް ހީކޮށް ނުތެދުވަން އޮއްވާ އެއަޑު ހައްތަހާ ގަދަވަމުން ދިޔައެވެ. ހިތާ ދެކޮޅަށް ގޮސް ކޮޓަރީގެ ކުޑަދޮރު ހުޅުވާލި ވަގުތު އަހަރެންނަށް ހީވީ އަހަރެންގެ މޫނުމައްޗަށް ކަޅުބުޅަލެއް ފުންމާލިހެނެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގެންފައި ކޮޓަރިން ބޭރަށް ދުއްވައިގަނެވުނެވެ. އަހަރެން ތެޅިތެޅި އޮތް ހިތާއެކު ގެއިން ބޭރަށް ނިކުމެލީ ބައްޕަ ހޯދުމަށެވެ.

ފަން ދިގު އިސްތަށިގަނޑުގައި ހުޅި ޖަހާލަމުން ގޭގެ ވަލުފަރާތަށް އަހަރެން ބޯދިއްކޮށްލީމެވެ. އޭރު ބައްޕަ ކަޅު ބުޅަލެއް ފައްސަން އުޅެއެވެ. ނަމަވެސް އެ ބުޅާ ދާ ޚިޔާލެއް ނެތްފަދައިން ހަތަރުފައި ޖަހައިގެން އަރާމުގައި އޮތެވެ. އަހަރެން ބައްޕަ ކައިރީ ހުއްޓި އެ ބުޅަލަށް ރަނގަޅަށް ބަލައިލީމެވެ. އަހަރެންނަށް ހީވީ އެބުޅަލުގެ ކަޅި ރަތް ކުލައިން ދިއްލުނު ހެނެވެ. އަހަރެން ޔަޤީންކޮށްލަން ދެން ބަލައިލިއިރު އެބުޅާ ފެންނަންވެސް ނެތެވެ. ބައްޕަ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ގޭތެރެއަށް ދާން ހިނގައިގަތެވެ. އަހަރެން ހިނގައިގަތްތަނާހެން އަހަރެންގެ ކުރި ކަނޑާލާފައި އެދިޔައީ ހަމަ އެކަޅުބުޅަލެވެ. އަހަރެން ބިރުން ހުރެ ގެއާ ދިމާއަށް ދުއްވައިގަތީމެވެ.

އަހަރެންނަށް ބޮޑުކަމެއް ކުރިމަތި ވެދާނެކަމުގެ ފެށުމަކީ އެކަޅުބުޅާ ކަމަށް ހީވެ ހިތްބިރުގަތެވެ. ނަމަވެސް އެކަމަށް ސަމާލުނުވެ ހުއްޓާ އަހަރެންނަށް އެތައް ކަމެއް ކުރިމަތިވަމުން ދިޔައެވެ. ގިނަ ރޭރޭ ނިދާ ހޭލެވޭއިރު އޮންނާނީ ގޭގެ އަނބުގަސްދަށުގައެވެ. ގައިގައި އެތަންމިތާ ވަކިއަޅާފައި ހުންނަހެން ކޫރުހުރެއެވެ. އަހަރެން ހިނގާފައި ދާއިރު ކަޅުބުޅަލެއް ކުރި ކެނޑުމަކީ އާދައިގެ މަތީން ވާކަމެކެވެ. އަހަރެންނަށް ކެތްނުވާވަރަށް ކަންތައްތައް ދާން ފެށުމުން ބައްޕައަށް އަހަރެންނަށްވާ ހުރިހާ އުނދަގުލެއް ކިޔައިދިނީމެވެ.

ވީހާވެސް އަވަހަކަށް ފަންޑިތަވެވެރިޔަކު ގެނައީ އަހަރެންނަށް ވަމުން ދިޔަ އުނދަގޫތަކުގެ ފަހަތުގައިވާ ކަންތައް ހޯދުމަށެވެ. ރޫހާނީ ކަމެއްކަމަށް ބައްޕަ އަށް ޝައްކު ކުރެވޭތީއެވެ. ފަންޑިތަވެރިޔާ އެންމެ ފުރަތަމަވެސް ބައްޕަގެ ޝައްކު ޔަޤީނަށް ބަދަލުކޮށްދިނެވެ. އާނއެކެވެ. އަހަރެންނާ ޖިންނިއެއް އަވަލީއެވެ. އަހަރެންނަށް ކަޅުބުޅަލެއްގެ ސިފައިގައި އަބަދު އެފެންނަނީ އެ ޖިންނި ކަމުގައިވެސް ފަންޑިތަވެރިޔާ ބުންޏެވެ. ފަންޑިތަވެރިޔާ ކިޔަވަންފެށިތާ ތިންވަނައަށްވި ރެއެވެ. އެހެން ރޭރޭ ނުވާ އުނދަގުލެއް އަހަރެންނަށް ވާން ފެށިއެވެ.

ހަށިގަނޑަށް އާދަޔާ ޚިލާފު ވާތްގެއް އެރިކަން އެނގުނެވެ. ނަމަވެސް ދެންވީ އެއްވެސް ކަމެއް އަހަރެން ހަނދާނެއް ނުވެއެވެ. ބައްޕަ އަހަރެންނަށް ކިޔައިދިން ގޮތުގައި ޖިންނި އެވަގުތު އަހަރެންގެ ހަށިގަނޑަށް ވަނީއެވެ. ފަންޑިތަވެރިޔާގެ މަސައްކަތުން އަހަރެންނަށް އެޖިންނި ގޯނާ ކުރަނީ ކީއްވެގެންކަން ހާމަކުރިއެވެ. ކަޅުބުޅަލުގެ ސިފަ ގެހިގެން އެ ޖިންނި އާއި އޭނަގެ އާއިލާ ދިރިއުޅެމުން ދިޔައީ އަހަރެންގެ ގޭގެ ވަލުފަރާތުގައެވެ. އެ ޖިންނި ބުނި ގޮތުންނަމަ އަހަރެން ގަލަކުން ތަޅާފައި އޭނަގެ ދަރިއެއް ވަރަށް ބޮޑަށް ޒަޚަމް ކޮށްލީއެވެ. އެ ޖިންނި ބަދަލު ހިފަން ބޭނުންވަނީ އެކަމުގެ ސަބަބުން ކަމަށް ވެސް ބައްޕަ ބުންޏެވެ. އަދި އަހަރެން އެކަމުން ސަލާމަތް ކުރުމަށް އެ ޖިންނި އަންދާލެވުނީ ކަމުގައިވެސް ބުންޏެވެ.

އަހަރެންގެ ހިތަށް ބުނެދޭންވެސް ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އެ ކަޅުބުޅަލުގެ ސިފައިގައިވި ޖިންނީގެ ކިބައިން ސަލާމަތް ވެވުނީތީއެވެ. އަހަރެންގެ ދުޢާ އަކީ ކުރިޔަށް އޮތް ދުވަސްތަކުގައި އަހަރެންނަށް ހިތްހަމަޖެހިގެން އުޅެވޭ ކަހަލަ ވަރަށް އުފާވެރި ދިރިއުޅުމެއް މާތް ﷲ މިންވަރު ކޮށްދެއްވުމެވެ.