ރައީސް އޮފީހާއި ރައީސްގެ ރަސްމީ ގެކޮޅަށް 2020 ވަނަ އަހަރު ހަރަދުކޮށްފައި ވަނީ އެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓްގެ މަގުސަދުތައް ހާސިލުވާ ގޮތަށް އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ވަނީ ރައީސްގެ އޮފީހާއި ރައީސްގެ ރަސްމީ ގެކޮޅު އަދި ނާއިބު ރައީސްގެ ރަސްމީ ގެކޮޅުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ނެރުއްވާފައެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނަށް އޮޑިޓަރު ޖެނެރަލް ދެއްވާގައިވަނީ އަންކޮލިފައިޑް އޮޕީނިއަން އެއް ކަމަށެވެ.

އެ ގޮތުން ރައީސްގެ އޮފީހާއި ރައީސްގެ ރަސްމީ ގެކޮޅު އަދި ނާއިބު ރައީސްގެ ރަސްމީ ގެކޮޅަށް ޑިސެންބަރު 31، 2020 ނިމުނުއިރު މާލީ ހަރަދުކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓްގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ. އަދި އެ ބަޖެޓްގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.