ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މީހުން އެންމެ ގިނައިން މަރުވަނީ ގައިން ގައަށް ނާރާ ބަލިތަކުން ކަމަށްވާތީ، އެފަދަ ބަލިތައް ޖެހުމަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި އިއްޔެ ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ، އިންސާނުންގެ ސިއްހަތަށް ގެއްލުންދެނިވި އެތައް ކަމަކުން މިއަދު މި މުޖުތަމައު މިއަދު ވަނީ ވަށާލާފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންސާނުން ކުރާ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ތިމާވެށީގެ އެކި ސަބަބުތަކާ ހެދި ކޮންމެ އަހަރަކު 13 މިލިއަނަށްވުރެ ގިނަ މީހުން މަރުވެއެވެ. އެހެންކަމުން، ދިވެހިން މިކަމާ މެދު ފުންކޮށް ވިސްނައި ރާއްޖޭގެ ވެއްޓަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދުނިޔެ ހޫނުވުމާއި، ވައި ނުސާފުވުމާއި، ފެން ތަޣައްޔަރުވުމާއި، އުދައެރުމާއި، ގޮނޑުދޮށްތައް ގިރުމަކީ، ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިޔަސް، މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ސިއްހީ ދުޅަހެޔޮކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަންކަމެވެ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ހަމަ އެއާއެކު، ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު އާންމު ހާލަތަށް އެނބުރި އަންނައިރު ގައިންގަޔަށް ނާރާ ބަލިތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭން ގިނަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައެވެ.

"ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކުގައެވެ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ގައިން ގަޔަށް ނާރާ ބަލިތަކާ ދުންފަތުގެ އިސްތިއުމާލުކުރުމާ ވަނީ ގުޅިފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އެފަދަ ބަލިތަކުގައި މަރުވާ މީހުން މަދުކުރުމަށްޓަކައި ފަރުދީގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އާންމު ސިއްހަތަށް ސަމާލުކަން ދިނުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާނެ ފަދަ ކަންކަމުން ދުރުހެލިވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.