ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުންދާ ހަނގުރާމާގައި ވަރުގަދަ ހަމަލާތަކެއް ދީ، ސުންނާފަތި ކޮށްފައި ވާ ބޮރޮޑިއަންކާ އަވަށް ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާ، އެ އަވަށުން ފެންނަ މަންޒަރު ތަކަކީ، ހުސްވި ހަފުތާގައި މުޅި ދުނިޔެ ސިއްސުވާލި ބަކާގެ މަންޒަރަށްވުރެ "މާ ބިރުވެރި" މަންޒަރުތަކެއް ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ގައުމާ މުހާތަބު ކުރައްވާ، ދެއްވަމުން އަންނަ ތަގުރީރުތަކުގެ ރޭގެ ތަގުރީރު ކުރިއަށް ގެންދަވަމުން ޒެލެންސްކީ ވިދާޅުވީ، މިވަގުތު މުޅި ދުނިޔޭގައިވެސް މިނިވަން ކަމާ، އިންސާނީ ސަލާމަތްތެރިކަމާ، އިންސާނީ ހައްގުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިއާގެ ސަރުކާރާއި ރަޝިއާގެ އަސްކަރިއްޔާ ކަމަށެވެ. ބަކާގައި ހިނގާދިޔަ ކަންކަމުން، މިކަމަކީ މިހާރު ކަށަވަރު ވާ ކަމެއް ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ބޮރޮޑިއަންކާ ސާފު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާ ކަން ހާމަ ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، އެ ސަރަހައްދުގެ މަންޒަރު މާ ބިރުވެރި ކަމަށެވެ. އަދި ރަޝިއާގެ ޝިކާރައަކަށް ވީ މީހުންގެ އަދަދު މާ ގިނަ ކަމަށެވެ. ހަމަ މިފަދަ ޖަރީމާތަކެއް މަރިއުޕޮލްއިންވެސް ފެނިފައި ވާ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ އަމަލުތައް ބައިނަލްއަގުވާމީ މައިދާނަށް ފާޅުވަމުން ދާ ވަރަކަށް، އެ ޖަރީމާތަކަކީ ރަޝިއާއިން ހިންގި އަމަލުތަކެއް ނޫންކަން ބަޔާންކޮށްދިނުމަށް ރަޝިއާގެ ޕްރޮޕަގަންޑާ ފަތުރާ މީހުން މިހާރުވެސް މަސައްކަތް ކުރަމުން ދާ ކަން ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ޝިކާރައަކަށް ވެފައި ވާ މީހުންނަށް އަނިޔާ ދީފައި ވަނީ ރަޝިއާއިން ނޫން ކަމަށާ، ނަމަވެސް ޔޫކްރައިންގެ ދިފާއުގައި ހަރަކާތްތެރިވާ ފައުޖުތަކުން ކަން ރަޝިއާއިން ބަޔާން ކުރަމުން ދާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރައިންގައި މަރާލެވޭ ކޮންމެ މީހެއްގެ މަރުގެ ތަހުގީގު ހިންގާނެ ކަމަށާ، ލޫޓުވާ ކޮންމެ މީހަކާ، ރޭޕްކުރާ ކޮންމެ މީހެއްގެ އިތުރުން ކޮންމެ ގާތިލެއްވެސް ހޯދާނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި ބަކާގައި ހިނގާދިޔަ ކަންކަމުން، ރަޝިއާއަކީ އިންސާނީ ހައްގުތަކަށް ކިޔަމަން ވާ ބައެއް ނޫންކަން މުޅި ދުނިޔެއަށް ފެނިގެން ގޮސްފައި ވާ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.