ވަރުގަދަ ކުރިމަތިލުންތަކަކަށްފަހު ރަޝިއާގެ ފައުޖުތައް ފަހަތަށް ޖައްސާފައިވާ ޔޫކްރައިންގެ ވެރިރަށް ކިއޭވްގެ ހުޅަނގު އުތުރުން އޮންނަ ބަކާއޭ ކިއުނު އަވަށުގެ މަގެއްގެ މަތިން، މަރާލާފައި ވާ އާންމުންގެ 20 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

20 މީހުންނަކީވެސް ފިރިހެނުން ކަމަށާއި އެމީހުން މަރާލާފައި ވަނީ އާންމު ފަރުދުން ލާ އުޅޭ ކަހަލަ ހެދުމުގައި ތިއްބާ ކަމަށްވެސް ހަބަރު ލިބެއެވެ. ގަބުރުތައް ހުރި ގޮތަށް ބަލާއިރު، އާދަޔާ ހިލާފު ކަމެއް ފާހަގަ ކުރެވޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ބައެއް ހަށިތައް ޕޭވްމަންޓް މައްޗަށް އަނގަވަތަށް ވާ ގޮތަށް އޮތް އިރު، އަނެއް ބައި މީހުންގެ ހަށިތައް އޮތީ އުއްޑުން ކަމަށާ، އެމީހުންގެ އަނގަވެސް ހުޅުވިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

3 މީހަކު ބައިސްކަލުތަކެއްގައި ތާށިވެފައި ވާ އިރު ދެން ތިބި މީހުން ވެއްޓިފައި ވަނީ ވަޒަން އަރާފައި ވާ ނުވަތަސް ހަފުސްވެފައި ވާ އެމީހުންގެ ކާރުތައް ކައިރިއަށް ކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އެ ސަރަހައްދަށް ނޫސްވެރިންނަށް ވަދެވިފައި ވަނީ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.

ބަކާގެ މޭޔަރު އަނަތޮލްއީ ފެދޮރެކް ވިދާޅުވީ، މަރުވެފައި ވާ އެންމެނަށްވެސް ރަޝިއާގެ ފައުޖުތަކުން ލާއިންސާނީ އަނިޔާ ދީފައި ވާ ކަމަށެވެ. އާންމު ހެދުމުގައި ތިބި މީހުންގެ ބޮލަށް، ފުރަގަހުން ބަޑި ޖަހާފައި ވާ ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގެ ވެރިރަށް ކިއޭވް ހިފުމަށް ރަޝިއާއިން ކުރަމުން ދާ މަސައްކަތް ފެއިލްވާން ފެށުމާއެކު، އެ ސަރަހައްދު ވަށައިގެންވާ އަވަށްތަކުން ރަޝިއާގެ ފައުޖުތައް ފަހަތަށް ޖެހެމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.