"ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443" ޒޯން 1 ގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިއަދު އެ މުބާރާތް ފެށި ޒޯން 1 ގައި ހިމެނެނީ ށ އަދި ނ އަތޮޅެވެ. އެ މުބާރާތަކީ ފެނަކަ ރެކްރިއޭސަން ކްލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހުގައި ބާއްވާ ޤުރުއާން މުބާރާތެކެވެ.

2019 ވަނަ އަހަރު މި މުބާރާތް 4 ސަރަހެއްދެއްގައި ވަނީ ބޭއްވާފައެވެ. ކޮވިޑު 19 އަށްފަހު އެ މުބާރާތުގެ 5 ވަނަ މުބާރާތް ވަނީ ފަށާފައެވެ. މި މުބާރާތުގެ ޒޯން 2 ގެ މުބާރާތް އޮންނާނީ މި މަހުގެ 15-16 ގައެވެ. އަދި މި ރަމަޟާން މަހުގެ ކޮންމެ ހަފްތާ ބަންދެއްގައި މި މުބާރާތް ބާއްވަން ނިންމައިފާވާއިރު މިއަދު ފެށި ޒޯން 1 ގެ މުބާރާތް ބާއްވަނީ ށ. މިލަންދޫގައެވެ.

އެ ޒޯންގެ ފެނަކަ އާއިލާތަކުން 193 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ޒޯން 2 ގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ.ވިލިނގިލިގައެވެ. އަދި ޒޯން 3 މުބާރާތް އޮންނާނީ ސ.ހިތަދޫގައި ކަމަށް ފެނަކައިން ބުނެއެވެ. ކ،ހުރާ އަދި ފެނަކަ ހެޑް އޮފީސް މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ ޒޯން 4 މުބާރާތް އޮންނާނީ ބާއްވަން ނިންމާފައިވަނީ މާލޭގައެވެ.

އެ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ 3 ލެކްޗަރާއިން ކަނޑައަޅާފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނެއެވެ.

އެ މުބާރާތުގެ ވަނަތަކާއި އިނާމު:

  • މުބާރާތުން 1 ވަނަ އަށް 15،000 ރުފިޔާ، ތައްޓާއި ހަނދާނީ ލިޔުން
  • މުބާރާތުން 2 ވަނަ އަށް 10،000 ރުފިޔާ، ތައްޓާއި ހަނދާނީ ލިޔުން
  • މުބާރާތުން 3 ވަނަ އަށް 5،000 ރުފިޔާ، ތައްޓާއި ހަނދާނީ ލިޔުން

ފެނަކައިން ބުނީ ފެނަކަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ އާލާކޮށް ފެތުރުމުގެ މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށާއި ފެނަކައިގެ މުވައްޒަފުންގެ އާއިލާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި އެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށެވެ.