ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި ޒަމާނީ ފެންވަރަކަށް އާ ދަނޑެއް އަޅަން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ގުޅިގެން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރިއަށް އޮތް މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

މަހްލޫފް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. މީކާއީލްގެ ހުށަހެޅުއްވުމުގައި ވިދާޅުވީ، އާ ދަނޑެއް ތަރައްގީކުރުމަށް ނިންމައި އެކަން އިއުލާންކޮށްފައިވާއިރު، ރައްޔިތުން އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންނާ މަޝްވަރާކޮށްފައި ނުވާތީ، އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެ މަޝްރޫއު ކުރިއަށް ގެންދާއިރު އާންމުންނާއި މަޝްވަރާކުރަނީ ކޮން އިރަކުންތޯ އާއި، މާލޭގެ މެދުގައި އާ ދަނޑު ތަރައްގީކުރުމުގެ ބަދަލުގައި އެ ދަނޑު ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުޔެއް ގެންނަން ނުވިސްނަވަންތޯ މަހްލޫފާ ސުވާލުކުރުމަށް މީކާއީލް ވަނީ ހުށަހަޅުއްވާފައެވެ.

އާ ދަނޑާ ގުޅިގެން މަހްލޫފާ ސުވާލުކުރުމަށް މީކާއީލް ހުށަހަޅުއްވާފައިވާއިރު، އެ މައްސަލާގައި ހިޔާލު ފާޅުކުރި އާންމުންގެ ތެރެއިން ގިނަ މީހުން ވަނީ ހުޅުމާލޭގައި އާ ދަނޑު އަޅަން ގޮވާލައި ޝުއޫރު ފާޅުކޮށްފައެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބްލޫޕީސް ޖަމިއްޔާއިން ބުނި ގޮތުގައި މާލެއަކީ މިހާރުވެސް މީހުން ގިނަ އަދި ބައިބޯ ތަނެއް ކަމަށްވާއިރު، މާލެއަކީ މީހުންނަށް ދިރިއުޅެވޭ ފަދަ ތަނަކަށް ހެދުމަށްޓަކައި މާލެ ޑީއާބަނައިޒް ކުރަން ޖެހޭ ކަމަށެވެ.

އަދި ގަލޮޅު ދަނޑު މިހާރު ހުރި ތަނުގައި މީހުން ހިތްފަސޭހަކޮށްލާނެ ޕާކެއް ހެދުމަށްވެސް ޓްވިޓާގައި މީހަކު ހިޔާލު ހުށަހަޅާފައިވެއެވެ.

މާލޭގެ މޭޔަރު ޑޜ. މުހައްމަދު މުއިއްޒުވެސް ވަނީ އާ ދަނޑުގެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނާއި އަދި ސިޓީ ކައުންސިލާ ސަރުކާރުން މަޝްވަރާކުރިތޯ ސުވާލުކުރައްވައި ނުރުހުން ފާޅު ކުރައްވާފައެވެ. މުއިއްޒުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ވިދާޅުވި ގޮތުގައި، "ރާވައި، ޑިޒައިންކޮށް، މަތިން ތިރިއަށް ހިންގާ ހިކި އަމުރުވެރި "ތަރައްގީ" އަދަކު ބަލައެެއް ނުގަނެވޭނެ!"އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ބަޖެޓްކުރެވިގެން އަޅާ އާ ދަނޑުގެ މަޝްރޫއު މަހްލޫފް އިއުލާން ކުރައްވާފައި ޓްވީޓް ކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. އެ ޓްވީޓާއެކު އާ ދަނޑުގެ ކުރެހުންތައްވެސް ވަނީ ދައްކާލައިފައެވެ

ބެލެވޭ ގޮތުގައި އާ ދަނޑުގައި 10،000 އާއި 12،000 މީހުންގެ ޖާގައެއް އޮންނާނެއެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ވަނީ 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމާފައެވެ. އެ އެހީގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް 45 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވުމުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.