ޗެކް ބޭނުންކުރުން މަދު ކުރުމަށާއި ޑިޖިޓަލް ފައިސާގެ ހިދުމަތް ބޭނުން ކުރުމަށް ޗެކުން ފައިސާ ނެގޭ އެންމެ މަތީ އަދަދެއްގެ ގޮތުގައި 50،000 ރުފިޔާ ކަނޑައަޅަން އެމްއެމްއޭ އިން ނިންމައިފިއެވެ.

ޗެކް ބޭނުންކުރުން މަދުކުރުމާ ގުޅޭ އެކްޝަން ޕްލޭން އިއުލާނު ކުރުމަށް މިއަދު އެމްއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓާ ހައްވާ ލަތީފު ވިދާޅުވީ، ޗެކް ބޭނުންކުރުން މަދުކުރުމަށް 2024 ވަނަ އަހަރާ ހަމައަށް ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ޗެކް ބޭނުން ކޮށްގެން އެންމެ ގިނަވެގެން 50،000 ރުފިޔާ ނެގޭ ގޮތް ހެދުމާއި ޑޮލަރުން ނަމަ 3،000 ޑޮލަރަށް ލިމިޓް ކުރުމާއި، ޗެކް ކްލިއާ ކުރުމަށް އިތުރު ފީތަކެއް ނެގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 2024 ގައި ޗެކް ކްލިއާ ކުރުމަށް ހޭދަވާ މުއްދަތު އިތުރު ކުރުމާއި، ޗެކެއް ކްލިއާ ކުރާ މުއްދަތު 10 ދުވަހަށް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުތައް ގެނެސްފި ނަމަ ޗެކް ބޭނުން ކުރާ ވަރު ވަރަށް ބޮޑަށް މަދު ކުރެވި 2024 ވަނަ އަހަރު އަންނަން ވާއިރަށް ޗެކް ކްލިއާ ކުރުމަށް އެމްއެމްއޭގައި އެއް ދުވަސް ކަނޑަައެޅޭނެ ކަމަށް ހައްވަ ވިދާޅުވިއެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން ޗެކުން މުއާމަލާތްތައް ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އާންމު ވިޔަފާރިވެރިން ކަމަށް އެމްއެމްއޭއިން ބުނެއެވެ. ޗެކް ބޭނުން ކުރުން މަދުކުރަނީ މާލީ މުއާމަލާތްތައް ހިންގުމުގައި ޗެކްގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ގިނަވާތީ، ފަސޭހަ ގޮތަކަށް މާލީ މުއާމަލާތްތައް ހިންގޭނެ ގޮތްތައް ފަހި ކުރުމަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެކްޝަން ޕްލޭނަށް އަމަލު ކުރަން ފަށާއިރު، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ޗެކް ބޭނުން ކުރާ ވަރު 60 ޕަސެންޓަށް ވަނީ ކުޑަ ކުރެވިފައެވެ. ދެހާސް ސަތާރަ ވަނަ އަހަރު 1.86 މިލިއަން ޗެކް ޕްރޮސެސް ކޮށްފައިވާ އިރު 2021 ވަނަ އަހަރު ކްލިއާ ކޮށްފައި ވަނީ ހަތް ލައްކަ ޗެކެވެ.