ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން ގޮތަބާޔާ ރާޖަޕަކްސަ އިސްތިއުފާ ނުދެއްވާނެ ކަމަށް، ސްރީލަންކާގެ ސަރުކާރުގެ ވިޕުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަންގައިފިއެވެ.

ޗީފް ގަވަމަންޓް ވިޕް، ޖޯންސްޓަން ފެނާޏްޑޯ މަޖިލީހަށް ވިދާޅުވީ، ސްރީލަންކާގެ އަދުގެ ސަރުކާރަކީ ޒިންމާދާރު ސަރުކާރެއް ކަމަށާ، އެއްވެސް ހާލެއްގައި ރައީސް ކަމުގެ މަގާމުން ގޮތަބާޔާ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

މި ގަރާރަކީ ގޮތަބާޔާގެ އިސްތިއުފާއަށް ގޮވާލާ، އެ ގައުމުގެ އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތަކަށް ދެއްވި ބީރު ކަންފަތެއް ކަމުގައި ސިފަކުރެވެއެވެ.

އިގުތިސޯދީ އަދި މާލީ ހީނަރުކަމާއެކު ޒަރޫރީ ގިނަ ހިދުމަތްތަކަކުން ލަންކާގެ ރައްޔިތުން މަހްރޫމު ވަމުން ދާ މި ދަނޑިވަޅުގައި، ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ ގައުމުގެ މަގުތަކަށް ނިކުމެ، މުޒަހާރާ ކުރަމުންނެވެ.

އާންމުންގެ މުޒާހަރާތައް ވަރުގަދަ ކުރަމުން ދިއުމާއެކު ގޮތަބާޔާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން ވަނީ ގޮތަބާޔާގެ ސަރުކާރަށް ކުރެއްވި ތާއީދު ގެންދަވާފައެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން، އެކި ބޭނުންތަކަށް ވަޒަންވެރިވެގެން ދިރުއުޅެމުން އަންނަ އަވަށްޓެރި ގައުމަކަށް ވީ ނަމަވެސް، ސްރީލަންކާގެ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި ބަހެއް ބުނެފައެއް ނުވެއެވެ. އަދި ލަންކާގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ވަކި ހާއްސަ ފިޔަވަޅެއް މިވަގުތު އެޅުމަށް ނިންމާފައި ނުވާ ކަމަށް، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ވަނީ ދަ ޕްރެސްއަށް ވިދާޅުވެފައެވެ.