ކޮލިޓީ އެޝުއަރެންސް އޮފް ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން ޕްރޮގްރާމް ދަށުން މީހުން ތަމްރީނު ކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރީސާޗްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

ފެނަކައިން ބުނީ، މި އެއްބަސްވުމުގެ ދަށުން ފެނަކައިގައި މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ މުވައްޒަފުންނަށް ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތައް އިތުރު ހަލުވިކަމާއި ކުރި އެރުން ލިބިގެން ދާނެ ކަމަށެވެ. ފެނަކައިގެ މުވައްޒަފުންނަށް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާ ފުރުސަތުތަކަކީ އެ މުވައްޒަފުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅިގެންދާ ބިންގަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް މުވައްޒަފުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި އެއްބަސްވުމުގެ ދަށުން ފެނަކައިގެ ހުރިހާ މުވައްޒަފުން ވެގެން ދާނީ މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ އަދި ސެޓްފިކެޓް ލިބިގެންވާ ގާބިލު ފަރާތްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކައަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމްކުރެވިފައިވާ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް ދިވެހި ރައްޔިތުންނަށް ސާބިތު ކަން މަތީގައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ތެރެއިން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އުފަން ވެގެން އައި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރިސާޗް އަކީ ފެނަކައިގެ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތައުލީމާއި ތަރުބިއްޔަތު އަދި އެކަން ފާހަގަކޮށްދޭ ލިޔެކިޔުންތައް ލިބިގެންވާ މަސައްކަތައް ގާބިލް، އެކަށީގެންވާ މުވައްޒަފުންނަށް ހެދުމުގެ މަގްސަދުގައި އުފެދިގެން އައި އިންސްޓިޓިއުޓެކެވެ.

ފެނަކަ އިންސްޓިޓިއުޓް އިން މިވަގުތުވެސް އަންނަނީ ފެނަކައިގެ މުވައްޒަފުންނަށް ނޭޝަނަލް ލެވެލް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ އެކި ބެޗްތައް ހިންގަމުންނެވެ. މި ކޯހުން ދަސްވެނިވާ ބައިވެރިންނަށް ލިބިގެން ދާނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3ގެ ސެޓްފިކެޓާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޖެނެރަލް ހައުސް ވައިރިން ލައިސަންސެވެ.

ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ އިތުރުން ފެނަކަ އިންސްޓިޓިއުޓުން ފެށުމަށް ރާވާފައިވާ ކޯސްތަކުގެ ތެރޭގައި، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސާވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް ހިމެނެއެވެ.