ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ކޭސްތައް ރެކޯޑް އަދަދުތަކުން ފެންނަމުންދާ ދިއުމާ ގުޅިގެން އާބާދީގެ ހުރިހާ ރައްޔިތުން އެ ބައްޔަށް ޓެސްޓު ކުރުމަށްޓަކާ، ޗައިނާގެ ވިޔަފާރީ މަރުކަޒީ ހަބު، ޝަންހާއީ ލޮކްޑައުން ކޮށްފައި އޮތް މުހުލަތު ދަންމާލުމަށް، ކަމާ ބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

25 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޝަންހާއީއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާއެކު، 2 ބަޔަކަށް ސިޓީ ބައިކޮށްގެން 9 ވަރަކަށް ދުވަހަށް އެ ސިޓީ ލޮކްޑައުން ކުރީ ހުސްވި މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން މުޅި ސިޓީ މިހާރު ލޮކްޑައުން ކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ޝަންހާއީއަކީ އަދާ ހަމައަށް ލޮކްޑައުން ކުރި އެންމެ ބޮޑު ސިޓީއެވެ.

ޝަންހާއީއިން ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރާ ކޭސްތައް، 13000 އަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު މާ މަތީ އަދަދުތަކެއް ނޫން ކަމުގައި ވީ ނަމަވެސް، ޗައިނާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާ، ބަލި ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއް ހޯދަމުން ދާ ގައުމެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ޝަންހާއީގެ ބައެއް ރަށްވެހިން ބުނި ގޮތުގައި ލޮކްޑައުންގެ އަމުރާއެކު، ގެއިން ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައި ވާ އިރު، ޒަރޫރީ ތަކެތި ހޯދުމަށްވެސް ނިކުތުމުގެ އިޒުނައެއް ނޯވެއެވެ. ސަޕްލައިއާއި ޑެލިވަރީ ސްޓާފުންގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން، އޮންލައިންކޮށް ބޯފެނާއި، ކާބޯތަކެތި އޯޑަރު ކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝާކުވާވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ޝަންހާއީއަކީ ޗައިނާއިން ތަންފީޒު ކުރަމުން އަންނަ ޒީރޯކޮވިޑް އިސްތިރާޖުގެ ތަހުލީލު މައިދާނަކާށް ވަނީ ވެފައެވެ. އެ ސިޔާސަތަކީ ކޮވިޑްގެ ވައިރަހާއެކު އެހެން ގައުމުތަކުން ދިރިއުޅެން ދަސްކުރަމުން ދިއުމާ ހިލާފު ސިޔާސަތެކެވެ.