ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން، 2 ފިޔަވައްސަކަށް ބަހަލައިގެން ވިޔަފާރި މަރުކަޒު ޝަންހާއީ ލޮކްޑައުން ކޮށް، ޓެސްޓު ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ ހުއާންގްޕޫ ކޯރު މިންގަނޑަކަށް ބަލައިގެން ސިޓީ ދެބައިކޮށްގެން މި ހަރަކާތް ކުރިއަށް ދާނެ ކަމަށެވެ. މި އޮޕަރޭޝަނަށް 9 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކޯރުގެ އިރުމައްޗާއި ހުޅަނގަށް އޮންނަ ބައެއް ސަރަހައްދުތައް މިއަދުން ފަށައިގެން އޭޕްރިލް 1 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން ކޮށްގެން ޓެސްޓު ކުރުން ކުރިއަށް ގެންދާ އިރު، ބާކީ ހުރި ސަރަހައްދުތަކުގައި މި އޮޕަރޭޝަން ހިންގާނީ އޭޕްރިލް 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

އާންމު ހިދުމަތުގެ ތެރެއިން ދޭ ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާއިރު، މަގުތަކަށް ނިކުމެވޭނީ ހާއްސަ ހުއްދަ ދޫކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށްވެސް ޝަންހާއި ސިޓީގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ކާރުހާނާތަކާ ކުންފުނިތައްވެސް ބަންދު ކުރާނެ ކަމަށާ، ނަމަވެސް އެކަހެރިކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ކަން މިހެން އޮތް ނަމަވެސް އާންމު ހިދުމަތްދޭ ކުންފުނިތަކާއި ކާބޯތަކެތި ސަޕްލައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

ޝަންހާއީގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަތާ މަހެއްހާ ދުވަސް ވެފައި ވާ އިރު، މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އެއީ ޗައިނާއިން ކޮވިޑް ފެނުން ފަހުންވެސް އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ކޭސް ފެނުނު ފަހަރު ކަމަށް ހަބަރު ލިބެއެވެ. އެގޮތުން ބަލީގެ އަލާމަތެއް ނެތި 2631 ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވި ކަމަށާ، އަލާމާތްތަކާއެކު 47 ކޭސް ފެނުނު ކަމަށް މައުލޫމާތު ލިބެއެވެ.

ޝަންހާއީއަކީ ޗައިނާއިން ތަންފީޒު ކުރާ ޒީރޯ ކޮވީޑް އިސްތިރާޖު ތަހުލީލު ކުރުމުގެ މައި މަރުކަޒެވެ.