ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް ކަމަށާއި އެއީ އެއްވެސް މަސައްކަތެއް ނުކުރާ ބޭކާރު ކުންފުނިތަކެއް ކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ކުންފުނިތަކާ ބެހޭ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް މިއަދު އޮތް ކަމަށާއި، ސަރުކާރުގެ ހިއްސާ ވާ އޮތީ ކިތައް ކުންފުނިކަން އެނގޭނެ މީހުންވެސް މަދުވާނެ ކަމަށެވެ.

މިވަގުތާ ހަމައަށް ސަރުކާރުގެ 36 ކުންފުނި އެބައޮތް ކަމަށާއި، އޭގެތެރެއިން ރައްޔިތުންނަށް ހިދުމަތެއް ދީ އެއްޗެއް ވިއްކުމަށް އޮތީ 10 ކުންފުނި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި އަނެއް 26 ކުންފުންޏަކީ ކަމެއް ކުރާ ކުންފުނިތަކެއް ނޫން ކަމަށް ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.

އާޒިމް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭން ސްލޯގަން ބޭނުން ކުރައްވާ، މިސަރުކާރު ހިންގާލަން 12 ކުންފުނި ވުޖޫދަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.

ބައެއް ކުންފުނިތަކުގައި އެބަ ތިބި އެކަކު ހަތަރު ކުންފުނީގައި މަސައްކަތް ކުރޭ. ކިހިނެއްތޯ ހަދާނީ؟ އަޅުގަނޑުމެންގެ އާދައިގެ މީހަކު އެބައުޅޭ ވަޒީފާ ގަނޑެއް ނުލިބިގެން. އެކަމެއް ނުކޮށްދެވޭ. އެކަމަކު އެކަކު ހަތަރު ކުންފުނިން ދައުލަތުން އެކި ގޮތްގޮތަށް މުސާރަ ނަގަމުންދޭ
އަލީ އާޒިމް

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިރިއުޅުން" ކިޔާ ކުންފުންޏެއް އުފެއްދި ނަމަވެސް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ މިސަރުކާރުން އުފައްދާފައިވާ ބައެއް ކުންފުނިތަކުން ކުރާކަމެއް ސާފުނުވާ ކަމަށެވެ. އަދި އެ ކުންފުނިތައް ފެންނަނީ ނަމެއްގައި ހަދާފައިވާ ތަންތަނުގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.