ވޭތުވެ ދިޔަ ދެ ދުވަސް ތެރޭ އެމްޕީއެލުން 150 ކޮންޓެއިނަރުގެ މުދާ ހުސް ކޮށްފިއެވެ.
އެމްޕީއެލުން ބުނީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި ގިނަ އަދަދަކަށް ކްލިއާ ކުރަމުންދާ ކަމަށާއި މީގެ ތެރޭގައި ފިޔާ، އަލުވި، ބިހުގެ އިތުރުން އެކި ބާވަތުގެ މޭވާއި ތަރުކާރީ ހިމެނޭ ކަމަށެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު 60 ކޮންޓެއިނަރު އަދި ހޯމަ ދުވަހު 90 ކޮންޓެއިނަރު އެ ކުންފުނިން ވަނީ ހުސްކޮށްފައެވެ،
އާދިއްތަ ދުވަހު ކްލިއާ ކުރި ކޮންޓެއިނަރު ތަކުގެ ތެރޭގައި 20 ފޫޓުގެ 33 ކޮންޓެއިނަރާއި، 40 ފޫޓުގެ 27 ކޮންޓެއިނަރު ހިމެނެއެވެ. އާދިއްތަ ދުވަހު އެތެރެކޮށްފައިވާ ޕެރިޝަބްލް ނުވަތަ ހަލާކުވާ ޒާތުގެ މުދަލަށް ބަލާއިރު، އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކަރާއެވެ. އެއީ 222 ގޯނި ކަރާއެވެ. އެދުވަހު ކަރާގެ އިތުރުން އަލުވި، ދޮންކެޔޮ، ބަރަބޯ އަދި އަލަނާސި ވެސް އެތެރެކޮށްފައި ވެއެވެ.
ހޯމަ ދުވަހު ކްލިއާކުރި 90 ކޮންޓެއިނަރުގެ ތެރޭގައި 20 ފޫޓުގެ 48 ކޮންޓެއިނަރާއި، 40 ފުޓޫގެ 42 ކޮންޓެއިނަރު ހިމެނެއެވެ. ހޯމަ ދުވަހުގެ އެތެރެކޮށްފައިވާ ޕެރިޝަބްލް ނުވަތަ ހަލާކުވާ ޒާތުގެ ތަކެއްޗަށް ބަލާއިރު، ގިނަ އަދަދެއްގެ ފިޔާ ގެނެސްފައި ވެއެވެ. އެގޮތުން 637 ގޯނި ފިޔާ އާއި މޭވާ އާއި ތަރުކާރީގެ އިތުރުން ބިސް ހިމެނެއެވެ.
އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑުބަޔަކީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކަށްވެފައި ޕެރިޝަބަލް ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ހުސްކުރާނަމަ ހެނދުނު 9:00 ފެށިގެން ދަންވަރު 1:30 ހަމައަށް ހުއްޓާނުލާ މަސައްކަތް ކުރަމުން ދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ. މީގެ އިތުރުން ހުކުރު ދުވަހުވެސް ޕެރިޝަބަލް ކާބޯތަކެއްޗާއެކު ބޯޓެއް އައިސްފި ނަމަ ކްލިއާ ކުރުމުގެ އޮޕަރޭޝަން އެކުންފުނިން ކުރިއަށް ގެންދެއެވެ.