އިންތިހާއަށް މަސްރަހު ނުތަނަވަސްވެފައިވާ އަވަށްޓެރި ސްރީލަންކާގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ރައީސް ގޮތަބާޔާ ރާޖަޕަކްސަ ދެއްވި ދައުވަތަށް އެ ގައުމުގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ފުރަގަސް ދީ، ކާބޯތަކެއްޗާއި، ހަކަތަ އަދި ބޭސްފަރުވާގެ ސާމާނުގެ ހީނަރުކަން ބޮޑުވަމުން ދާ ދިއުމާ ގުޅިގެން ރައީސްގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

މި ދަނޑިވަޅަކީ ފަހުގެ ތާރީހުގައި ސްރީލަންކާ ދުށް އެންމެ ހައްސާސީ އިގުތިސޯދީ ކާރިސީ ތަޖުރިބާ ކުރަމުންދާ ދަނޑިވަޅެކެވެ. އަދި ރާޖަޕަކްސަގެ ސަރުކާރުގެ ލީޑާޝިޕަށް އިތުބާރުވެސް ގެއްލެމުންދާ ދަނޑިވަޅެއްމެއެވެ.

ހޯމަ ދުވަހު ސްރީލަންކާގެ ރައީސް އޮފީހުން ވަނީ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ސިޔާސީ ހުރިހާ ޕާޓިއަކުން އެކަތިގަނޑަކަށް ވުމަށް ދައުވަތު އަރުވާ ކަމަށް ބުނެ، ގައުމީ ކާރިސާއަށް ހައްލު ހޯއްދެވުމަށްޓަކާ، ވަޒީރުންނަށް ހޮއްވަވާފައިވާ ބޭފުޅުންނަށް ތާއީދު ކުރެއްވުމަށް ގޮވާލާފައެވެ.

ނަމަވެސް ސްރީލަންކާގެ އެންމެ ބޮޑު އިދިކޮޅު އިއްތިހާދު ކަމުގައި ވާ ޔުނައިޓަޑް ޕީޕަލްސް ޕަވާ އޮފް ސަމާގީ ޖާނާ ބާލަވެގާޔާ (އެސްޖޭބީ) އިން ވަނީ ސަރުކާރުގެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ.

ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދެއްކެވި އެސްޖޭބީގެ އޮފިޝަލު، ސަޖީތު މައްދޫމާ ބަންޑާރަ ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުން ބޭނުން ވަނީ ރައީސް ގޮތަބާޔާއާއި ރާޖަޕަކްސަ އާއިލާ "ދުރަށް ދިއުމަށް" ކަމަށެވެ. ރައްޔިތުންނާ ދެކޯލަށް އަދި "ކޮރަޕްޝަނާއެކު" މަސައްކަތް ކުރެވެން ނެތް ކަމަށްވެސް އެސްޖޭބީގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

225 ގޮނޑީގެ މައްޗަށް އެކުލެވޭ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 54 ގޮނޑި ކަށަވަރު ކުރަނީ އެސްޖޭބީއިންނެވެ.

ވާތު ފިޔައިގެ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ)އިން ވެސް ވަނީ ރައީސްއާއި އާއިލާ، މަގާމުތައް ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި "ފުނޑުފުނޑު" ވަމުން ދާ ސަރުކާރެއް ނަގާ، އިދިކޮޅު ފަރާތްތަކުން ކޮޅަށް ޖެހޭނެ ކަމަށް ހީފުޅު ކުރެއްވުމަކީ، ގޮތަބާޔާއަށް ކުރެއްވޭ "މޮޔަ" ކަމެއް ކަމަށްވެސް ޖޭވީޕީއިން ވަނީ ސިފަ ކޮށްފައެވެ.

ސްރީލަންކާގެ މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމަށް ވާ ޓެމިލް ނޭޝަނަލް އެލާޔަންސް (ޓީއެންއޭ)ގެ ވާހަކަވެސް ހުރީ އެ ފަދަ ރޫހެއްގައެވެ. އިދިކޮޅު ފަރާތްތައް ބައިވެރިކޮށްގެން ވަޒީރުންގެ މަޖިލީހެއް އެކުލަވާލުމަކީ "ހަމަޖެހޭ" ކަމެއް ނޫން ކަމަށާ، އެ ކަމަކީ އިސްތިއުފާއާށް ގޮވާލަމުން ދާ މީހުން އިތުރަށް ރުޅިގަދަ ކުރާނެ ކަމެއް ކަމަށް ޓީއެންއޭއިން ވަނީ ބުނެފައެވެ.