އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެންބަރުންގެ ލިސްޓު އާންމު ކުރަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ދަފްތަރު ކުރެވިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެންބަރުންގެ ލިސްޓު އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެ ކޮމިޝަނުގެ ވެބްސައިޓްގައި އާންމު ކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލުކުރުން ފަސްކޮށްފައި އޮތުމަށް ފަހު މިހާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އެ ގާނޫނަސް އަމަލު ކުރަން ވަނީ ނިންމާފައެވެ. އެ ގޮތުން ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ބުނާއިރު، އެ އަދަދަށް މެންބަރުން ނެތް ޕާޓީތަކުން ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރުމަށް ނޯޓިސް ދޭނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ރާއްޖޭގައި މިހާރު ސިޔާސީ ޕާޓީގެ ގޮތުގައި 11 ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި ވެއެވެ. އޭގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަތަރު ޕާޓީއެއް އެބައޮތެވެ.

އެ ޕާޓީތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑީއާރުޕީ އާއި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއެވެ.