ރަޝިއާގެ އަސްކަރިއްޔާ އިން އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ ޔޫކްރައިންގެ އަވަށެއް ކަމަށް ވާ ބަކާގައި އާންމުން މަރާފައިވާ މަންޒަރުތައް ފެނިވަޑައިގެން "ފުން ސިހުމެއް" ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ، ބިނާކުރަނިވި ގޮތެއްގައި ބަޔަކު ޒިންމާދާރު ކުރަނިވި މިނިވަން ތަހުގީގެއް ހިންގުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ރަޝިއާގެ އަސްކަރީ ފައުޖުތަކުން ވަރުގަދަ ކުރިމަތިލުންތަކެއް ހިންގި ބަކާއިން ފައިބައިގެން ދިއުމަށްފަހު، އެސަރަހައްދަށް ވަތް ބައިނަލްއަގުވާމީ ނޫސްވެރިން އާންމު ކުރި މަންޒަރުތަކުން ފެނިގެންދަނީ ލާއިންސާނީ އެތައް އަނިޔާއަކާ ވޭނެއްގައި މަރާލާފައި ވާ މީހުންތަކެއްގެ ހަށިތައް، މަގުތަކަށް "އުކާލާފައި" ވާ މަންޒަރެވެ. މަރާލާފައި ވާ އެންމެންވެސް ތިބީ އާންމުން އަޅާޒާތުގެ ހެދުމުގައި ކަމުން، އެއީ އާންމުން ކަމުގައި ބެލެވެއެވެ.

އިހާނެތި ގޮތަކަށް އާންމުން މަރާފައި ވަނީ ރަޝިއާއިން ކަމަށް ޔޫކްރައިންއާ ހުޅަނގުން ތުހުމަތު ކުރި ނަމަވެސް، އެއީ އެންމެ ސައްހަ މައުލޫމާތުކަން ކަށަވަރު ނުވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ބުނެއެވެ.

މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކާ ގުޅިގެން، ބަޔަކު ޒިންމާދާރު ކުރުވުމަށް ތަހުގީގު ހިންގުމަށް ގުޓެރޭޒް ގޮވާލެއްވިއިރު، ރަޝިއާއިން ވަނީ، ބަކާއޭ ކިއާގެ ޔޫކްރައިނުން ދައްކާ ވާހަކަތަކަކީ، ސުލްހައިގެ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ދައްކާ ބަހަނާއެއްކަން ދޭހަވާފަދަ ރޫހެއްގައި ވާހަކަ ދައްކާފައެވެ.

ބަކާގެ މަސްރަހާ ގުޅޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށްވެސް ރަޝިއާއިން އެދިފައި ވާނެ ކަމަށް، ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، މާރިއާ ޒަހަރޯވާ ވަނީ، އޭނާގެ ޓެލެގްރާމް ޗެނަލްގައި ލިޔުއްވާފައެވެ.

ކަން މިހެން އޮތް އިރު އެމެރިކާގެ އަމިއްލަ ކުންފުންޏަކުން ވަނީ ބަކާގައި އާންމުން "ވަޅުލާފައިވާ" ސަރަހައްދު ފެންނަ ސެޓެލައިޓް ފޮޓޯތަކެއް އާންމު ކޮށްފައެވެ. ބަކާގެ ފައްޅިއެއް ހުރި ސަރަހައްދެއްގައި 45 ފޫޓަށް ދެމިގެންދާ ވަޅުގަނޑެއް ފެންނަ އިރު، އެ ވަޅުގަނޑަކީ ގަބުރުތައް "އަޅާލާފައިވާ" ވަޅުގަނޑުތައް ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިނުން ވަނީ، ވެރިކަން ކުރާ ކިއޭވް ސަރަހައްދުން، 410 މީހެއްގެ ހަށިގަނޑު ފެނިފައި ވާ ކަމަށާ، އެއީ މުޅިންވެސް އާންމު ރައްޔިތުން ކަމަށް ބުނެފައެވެ.