މި ރަމަޟާން މަހު ފައިސާއިން ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފައިސާއިން ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށް ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ރަމަޟާން މަސް ނިމެންދެން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10 އިން މެންދުރުފަހު 1 އަށް، އިސްލާމީ މަރުކަޒުގެ ހޯލްގައި ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަދުން ފެށިގެން ފައިސާއިން ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން ފަށާފައިވާއިރު، އިއްޔެއިން ފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ވަނީ ފަށާފައެވެ. އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ތިރީގައިވާ ހިދުމަތްތައް ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ބޭނުންކުރެވޭނެ ހިދުމަތްތައް

  • އުރީދޫ އެމް-ފައިސާ
  • ދިރާގު ޕޭ
  • މޯލްޑިވްސް އިސްލާމިކް ބޭންކް
  • ބޭންކް އޮފް މޯލްޑިވްސް
  • ފަހިޕޭ
  • ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް

ކުރީ އަހަރުތަކާ ހިލާފަށް، މިއަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރަށް އިހްތިޔާރުކުރުމުގެ ފުރުސަތު ދީފައިވާއިރު، ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ އެ ފައިސާ ދާނީ އެ އިހްތިޔާރުކުރާ ރަށަކަށް ކަމުގައި، މިދިޔަ މަހުގެ 28 ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

ފައިސާއިންނާއި އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިތުރުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދަނޑު ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.