މި ރަމަޟާން މަހު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑު 19 ގެ ބަލި މަޑުކަމުން ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް ދީނީ ގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަގު ތަނަވަސްވެފައި ވުމަކީ އެންމެ ބޮޑު ހިތަހަމަޖެހުން ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވީ 1443 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގައެވެ.

ރައީސްގެ ހިތޯބުގައި އެމަނިކުފާނު ވަނީ މި މަތިވެރި ފުރުސަތުގެ ބޭނުންހިފައި ފުރިހަމައަށް ރޯދަހިފުމާއި ތަރާވީހު ނަމާދުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫހާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ވަނީ ރަމަޟާން މަހަކީ ރަހްމަތުން ފުރިގެންވާ ފުއްސެވުމާއި ދިންނެވުމުގެ މައްސަރަކަށްވާތީ އަނެކާއަށް އޯގާތެރިކަން އިސްކުރުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އާލާކުރުމާއި މައާފްކުރުމާއި ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުއާމަލާތުކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ އިންސާނިއްޔަތުކަން އިސްކުރުމަކީ މި މަހުގެ ދަރުމަ އާއި ޘަވާބުތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.