ކޮންމެ ކުއްޖަކީ ގައުމަށްޓަކައި ހިދުމަތް ކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ، މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އެދިވަޑައިގެންނެވީ 2019-2020 ވަނަ އަހަރުގެ ކަލާސް އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމާއެކު މުޅިން އަލަށް ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފަށައި އޭގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކޮށްފައިވާ ކަން ފައިސަލް ފާހަގަކުރެއްވިއެވެ.

އެ ހަފްލާގައި އިތުރަށް ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ އެމަނިކުފާނުގެ ސްކޫލުދައުރުގެ ބައެއް ހަނދާންތައް އާ ކުރައްވާފައެވެ. ސްކޫލު ދައުރުގައި އެމަނިކުފާނަށް ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެ، އެތައް ފައިދާތަކެއް ލިބިވަޑައިގެންނެވިކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލް ކުދިންނަކީ ހެލިފެލިވެ އުޅޭ އަދި ކަސްރަތު ކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ފައިސަލް ވިދާލުވިއެވެ. އަދި އެކަމުގެ ހުރި ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައި ވެސް ވެއެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2019-2020 ވަނަ އަހަރުގެ ކަލާސް އެވޯޑް ވަނަ ލިބުނު ދަރިވަރުންނަށް ޓްރޮފީ އާއި ސެޓްފިކެޓް ހަވާލުކޮށް ދެއްވާފައެވެ. ކަލާސް އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރާ ދަރިވަރުން ކުޅިވަރުގެ ދާއިރާ އިން ހޯދާ ކާމިޔާބީގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެމުން އަންނަ އެވޯޑެކެވެ.