މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުންފުނީގެ މަސްލަހަތުވެރިންނާއެކު ހިޔާލު ބަދަލުކޮށް، މަޝްވަރާކުރުމުގެ ފޯރަމެއް ބާއްވައިފިއެވެ.
"ސްޓޭކް ހޯލްޑާ ފޯރަމް"ގެ ނަމުގައި މަސްލަހަވެރިންނާ އެމްޕީއެލްގެ އިސްވެރިން ބައްދަލުކުރެއްވީ ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި އޮތް އެމްޕީއެލްގެ "ޑިޖިޓަލައިޒޭޝަން" ކެމްޕޭން ލޯންޗްކުރުމުގެ އިވެންޓަށް ފަހުގައެވެ.
އެމްޕީއެލްއިން ބުނީ އެ ފޯރަމްގައި އެމްޕީއެލްގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ކްލިއަރިން އޭޖެންޓުންނާއި އިމްޕޯޓަރުން އަދި ޝިޕިން އެޖެންޓުން ބައިވެރިވެފައިވާ ކަމަށެވެ.
އެމްޕީއެލްގެ ފަރާތުން އެ ފޯރަމްގައި މަސްހަލަތުވެރިންނަށް މައުލޫމާތު ދިން ޕެނަލްގައި ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުލް ސައްތާރާއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ތޮލްހަތު ސައީދާއި ޗީފް އިންފޮމޭޝަން އޮފިސަރު އާދަމް ޝިފާން އަދި ޗީފް ރިސްކް އޮފިސަރު ޑރ. އިބްރާހިމް ޒާހިރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ އެ ފޯރަމްގައި ބައިވެރިވި މަސްލަހަތުވެރިން އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހިއްސާކުރި ކަމަށާއި އެމްޕީއެލްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ބައެއް ހިޔާލުތައް ވެސް ދީފައިވާ ކަމަށެވެ. އަދި އެ ކުންފުނިން މި އަހަރުގެ ތެރޭގައި އެމްޕީއެލްގެ މަސްލަހަތުވެރިންނާއެކު އިތުރު ބައްދަލުވުންތަކެއް ބާއްވަން ނިންމައިފާވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު ވަނީ އެ ކުންފުނިން ދެމުންދާ ހިދުމަތްތައް ރަނގަޅުކުރުމުގައި މަސްލަހަތުވެރިންގެ ފަރާތުން ލިބޭ ހިޔާލާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާ، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނީ މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ކަމަށް ވިދާޅުވެފައެވެ.