އެތައްހާސް ދަރުވަރުންނަކާ އެކު ރާއްޖޭގެ އެކި ރަށްރަށުގައި ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ހަރަކާތްތައް މިއަދު ފަށައިފިއެވެ.

ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާއަށް ދޭ މުހިންމުކަން އިތުރު ކުރުމަށްޓައި ހޭލުންތެރިކަން އިތުރު ކުރުމާއި ކުޅިވަރު ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ފާހަގަކުރުމަށް ފަށާފައިވާ ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ހަރަކާތްތައް މިއަދު ފަށާފައި ވަނީ ދުވަހުގެ ފަތިސް ނަމާދުންނެވެ.

އެއަށްފަހު، ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެއް ކިލޯމީޓަރުގެ ދުވުމެއް ބާއްވާފައި ވާއިރު، މާލޭގެ އެކުވެނި ޓްރެކްގައި އޮތް ދުވުން ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަ ކުރަން ދަރިވަރުންތަކެއް ފަތިސް ނަމާދުގައި / ފޮޓޯ: ޑރ. އައިޝަތު އަލީ

ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަ ކުރުމުގެ މަގްސަދު:

  • ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަކީ ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުން
  • ކޮންމެ ދަރިވަރަކަށް ލިބިފައިވާ ހުނަރަކުން ކުރިއަށް ދިއުމަށް ބާރު އެޅުމާއެކު އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއެކު، އެ މަގަށް ހިތްވަރު ދިނުން
  • ދަރިވަރުންގެ ހިތްތަކުގައި ކުޅިވަރަށްދޭ އަހަންމިއްޔަތުކަން އިތުރު ކުރުން
  • ދުޅަހެޔޮ ކާނާއަށް ހޭލުންތެރިކުރުން
  • ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކަމުގެ މުހިންކަމާމެދު ދަރިވަރުންނާއި މުޖްތަމައުގެ ހޭލުންތެރިކަން އިތުރުކުރުން
ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަ ކުރަން ދަރިވަރުންތަކެއް 1 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވަނީ / ފޮޓޯ: ޑރ. އައިޝަތު އަލީ

މިއަދު ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރާއިރު، އެ ދުވަހު ސްކޫލްތަކުގައި ބާއްވާ އެސެމްބްލީ ހާއްސަކުރެވިގެން ދާނީ ދުޅަހެޔޮ ސިއްހަތަށާއި ކާނާއަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ހުރިހާ ސްކޫލެއްގެ އެސެމްބްލީގައި މިނިސްޓަރު ޑރ. އައިޝަތު އަލީގެ ހާއްސަ މެސެޖެއްގެ ރެކޯޑިންއެއް ދަރިވަރުންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަ ކުރަން ދަރިވަރުންތަކެއް ހެނދުނުގެ ހަރަކާތުގައި ބައިވެރިވަނީ / ފޮޓޯ: ޑރ. އައިޝަތު އަލީ

މީގެ އިތުރުން މިއަދު ހަވީރު ހާއްސަ ހަވީރެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށާއި، އެ ހަވީރުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި އެކި ކުޅިވަރު އެސޯސިއޭޝަންތަކުން ދަރިވަރުންނަށް އަމާޒުކޮށް ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ މައުލޫމާތުތަކާއި ސިއްހަތަށް ފައިދާހުރި ކާނާ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.