ރާއްޖޭގެ ސްކޫލްތަކުގައި ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ގޮތުގައި މާދަމާ ފާހަގަ ކުރަން ނިންމާފައިވާ އިރު، ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަމަޖައްސައިފިއެވެ.

މާލޭގެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް ހަށިހެޔޮ ދުޅަހެޔޮ ހަވީރެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖއްސާފައި ވާއިރު، ދަރިވަރުންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ރާވާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ މައުލޫމާތުތަކާއި ދުޅަހެޔޮ ކާނާ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެ ހަވީރަށް ސެންޓަރްލް ޕާކަށް ކޮންމެ ދަރިވަރަކުވެސް ދިޔުމަށް ހަމަޖެހިފައި ވަނީ އެ ކުއްޖެއްގެ ބެލެނިވެރިޔާއާ އެކުގައެވެ. އެގޮތުން އެ ހަވީރު ބާއްވަނީ، ހަވީރު 4 އިން 6 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަން ހަމަޖެއްސި ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ކުޅިވަރުގެ ދާއިރާއިން ސްކޫލް ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ކަލާސް އެވޯޑު ހަފްލާ ބާއްވާ ދުވަހެވެ. އެގޮތުން މި އަހަރު ކަލާސް އެވޯޑު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހެވެ.

އެ ދުވަސް ފާހަގަ ކުރުމަށް މާދަމާ ކޮންމެ ދަރިވަރަކުވެސް ބެލެނިވެރިޔާ އާއެކު މިސްކިތަށް ފަތިސް ނަމާދު ކުރަން ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ރަމްޒުކޮށްދޭ ގޮތަށް ގިނަ ސްކޫލްތަކެއްގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ އެއް ކިލޯ މީޓަރުގެ ދުވުމެއް ވެސް ބާއްވަން ނިންމާފައި ވާއިރު، މާލޭގައި އެ ދުވުން ބޭއްވަނީ އަންނަ މާދަމާ ހެނދުނު 6 ޖަހާއިރު ކުޅިވަރު އެކުވެނި ޓްރެކްގައެވެ. އެއަށްފަހު ކޮންމެ ސްކޫލެއްގައި ހާއްސަ އެސެންބްލީއެއް ބާއްވާ އިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ހާއްސަ މެސެޖެއްގެ ރެކޯޑިން ދަރިވަރުންނާ ހަމައަށް ގެނެސްދޭ ގޮތަށް ވަނީ ނިންމާފައެވެ.