ފުލުހުންގެ ފްލެޓުތައް މި އަހަރު ތެރޭގައި ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް ވަރަށް ކުރީއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އަދިވެސް ހައްލު ނުލިބޭ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުތަކުން ނެއްޓިގެން ލައްގަމުން އައި މަޝްރޫއެއް ކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ހަވާލު ކޮށް މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޕޮލްކޯ އިން ހުޅުމާލޭގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ފެށީ 2012 ގައެވެ. އަދި ސިފައިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ސިފްކޯއިން ފްލެޓު އަޅަން ފެށީ 2013 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު އަދި މިހާތަނަށް އައިއިރު ވެސް ނިމިފައެއް ނުވެއެވެ.

އެ މަޝްރޫއާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރިއެވެ.