ރާއްޖެއަށް އައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ގޮސްޕެލް ބައިރަގީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި މަސްތުވާތަކެތީގެ މައްސަލައިގައި ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސެޕްޓެމްބަރު 8، 2020 ގައި ބަންގްލަދޭޝް ޑާކާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި މޯލްޑިވިއަންގެ ފްލައިޓުން އައި ބަންގަލަދޭޝް ރައްޔިތެއް ކަމަށްވާ ގޮސްޕެލް ބައިރަގީ ގެނައި ފޮށީގަނޑަކުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ކަސްޓަމްސް އިން އޭނާގެ ހާޒިރުގައި ފޮށިގަނޑު ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތިން ޕެކެޓެއް ވަނީ ފެނިފައެވެ. ފެނުނު ތަކެތީގެ ޖުމްލަ ބަރުދަނުގައި 4448 ގްރާމް ހުއްޓެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ވަނީ މައްސަލަ ނިންމައި އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ. އެ ހުކުމުގައި ބުނެފައި ވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރކުރަން އުޅުމުގެ ދައުވާ އަށް ގޮސްޕެލް އިންކާރު ކުރުމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެގޮތުން އެތަކެތި ޕެކްކޮށްފައި ހުރި އިރު އޭގެ ބޭރުން ނެގި ފިންގަޕްރިންޓާއި ގޮސްޕެލްގެ ފިންގަޕްރިންޓް ދިމާވެފައި ވެއެވެ.
އެހެންކަމުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން ގޮސްޕެލް އުޅުނު މައްސަލައިގައި އޭނާ ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށް ލުމަށާއި، އެއް ލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ. އުމުރަށް ޖަލަށް ލާން ހުކުމް ކުރާ މީހުން ކަނޑައަޅާ މުއްދަތީ ފަންސަވީސް އަހަރު ކަމަށް ވިޔަސް ބަނދުގައި ގޮސްޕެލް ހޭދް ކުރި މުއްދަތު ކެންޑުމަށް ފަހު އޭނާގެ ޖަލު އަދަބުގެ މުއްދަތަކީ 23 އަހަރާއި 5 މަހާއި 10 ދުވަސް ކަމަށް ވަނީ ކްރިމިނަލް ކޯޓުން ކަނޑައަޅާފައެވެ.
މީގެ އިތުރުން އޭނާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އެއް ލައްކަ ރުފިޔާ މއިަދުން ފެށިގެން 12 މަސް ދުވަސްތެރޭ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ހަލާސް ކުރުމަށް ވެސް މިއަދު ކުރި ހުކުމުގައި ވަނީ ބުނެފައެވެ.
މިކަހަލަ މީހުންގެ ސިއްހީ ކަންކަން މާ މުހިންމު ދޯ މިމީހުން އެތެރެކުރާ ޑުރަގު ބޮއެގެން މުޅިހަޔާތް ބަރުބާދު ވަމުންދާ ގިނަ ބަޔަކަށް ވުރެން. މިކަހަލަ ޤާޒިން ތިބޭތީ މުޅި މުޖުތަމައު ހަލާކުވަމުން މިދަނީ.