ރާއްޖޭގެ ސްކޫލްތަކުގައި ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމައިފިއެވެ.
އެދިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ފާހަގަ ކުރަން ހަމަޖެއްސި ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ކުޅިވަރުގެ ދާއިރާއިން ސްކޫލް ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ކަލާސް އެވޯޑު ހަފްލާ ބޭއްވާ ދުވަސް ކަމަށެވެ. މި އަހަރު ކަލާސް އެވޯޑު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަ ކުރަނީ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ސިއްޚަތާއި ރަނގަޅު ކާނާއަށް ދޭ މުހިންމު ކަން އިތުރު ކުރުމަށް ހޭލުންތެރި ކަން އިތުރު ކުރުމާއި ކުޅިވަރު ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް ފާހަގަކުރެވޭ ދުވަހެއްގެ ގޮތުގައެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަ ކުރުމުގެ މަގްސަދު:
- ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަކީ ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޮޑުވުމުގެ މަގު ތަނަވަސްކޮށް ދިނުން
- ކޮންމެ ދަރިވަރަކަށް ލިބިފައިވާ ހުނަރަކުން ކުރިއަށް ދިއުމަށް ބާރު އެޅުމާއެކު އެފަދަ ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއެކު އެ މަގަށް ހިތްވަރު ދިނުން
- ދަރިވަރުންގެ ހިތަތްކުގައި ކުޅިވަރަށް ދޭ އަހަންމިއްޔަތުކަން އިތުރު ކުރުން.
- ދުޅަހެޔޮ ކަނާއަށް ހޭލުންތެރިކުރުން
- ނަފްސަނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކަމުގެ މުހިންކަމާމެދު ދަރިވަރުންނާއި މުޖްތަމައުގެ ހޭލުންތެރިކަން އިތުރުކުރުން
ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަ ކުރާއިރު، އެޑިކޭޝަން މިނިސްޓްރީން ސަމާލުކަން ދީފައި ވަނީ، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ދުވަސް ފެށުމަށް ހަމަޖެހިފައި ވަނީ ދުވަހުގެ ފަތިސް ނަމާދުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން އެ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ވެސް އެކުއްޖަކު ދިރިއުޅޭ ރަށެއްގެ މިސްކިތަށް ހާޒިރުވެ ޖަމާއަތުގައި ފަތިސް ނަމާދު ކުރުން ހިމެނެއެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ރަމްޒުކޮށްދޭ ގޮތަށް ގިނަ ސްކޫލްތަކެއްގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ އެއް ކިލޯ މީޓަރުގެ ދުވުމެއް ވެސް ބާއްވަން ވަނީ ހަމަޖއްސާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މާލޭގައި އެ ދުވުން ބޭއްވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 6 ޖަހާއިރު ކުޅިވަރު އެކުވެނި ޓްރެކްގައެވެ. މި ދުވުން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ޝަރަފްވެރިކޮށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދުޅަހެޔޮ ހަށިހެޔޮ ގޮތުން އަންނަ ބުރާސްފަތި ދުވަސް ފާހަގަ ކުރާ އިރު އެ ދުވަހު ސްކޫލްތަކުގެ އެސެމްބްލީ ހާއްސަ ކުރެވިގެން ދަނީ ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮ ކާނާއާއި ގުޅޭގޮތުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އެސެމްބްލީގައި މިނިސްޓަރު ޑރ. އައިޝަތު އަލީގެ ހާއްސަ މެސެޖެއްގެ ރެކޯޑިން ދަރިވަރުންނާ ހަމައަށް ގެނެސްދޭ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެ ދުވަހު ސްކޫލްތަކުގައި ކުރިއަށް ގެންދެވޭނީ ކުޅިވަރާއި ދުޅަހެޔޮ ސިއްހަތާއި ގުޅޭ ހަރަކާތްތައް ކަމަށް މިނިސްޓަރީން ބުނެއެވެ. އަދި އެ ހަރަކާތުގައި ސްކޫލްގެ ހުރިހާ ދަރިވަރުން ވެސް އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ ދުވަހު ހަވީރު މާލޭގައި ހާއްސަ ހަށިހެޔޮ ދުޅަހެޔޮ ހަވީރެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ހަވީރުގައި މާލޭ ސަރަހައްދުގެ ސްކޫލްތަކާއި އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުން ދަރިވަރުންނަށް އަމާޒުކޮށްގެން ގެންދާ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ މައުލޫމާތުތަކާއި ދުޅަހެޔޮކާނާ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.