ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ ސްކީމާ ގުޅޭ ގޮތުން "ފަސްޓް ޑިގްރީ ގްރާންޓް ސްކީމް އިމްޕެކްޓް އެސެސްމެންޓު" ގެނަމުގައި ދިރާސާއެއް ހެދުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށް އެގްރީމެންޓުގައި މިއަދު ސޮއި ކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ދިރާސާ ހެދަނީ މައިގަނޑު ދެ މަގްސަދެއް ހާސިލް ކުރުމަށް ކަމަށެވެ. އެއީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތައާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުން ވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެ ހެން ތަފާސް ހިސާބު މުރާޖައާ ކުރުމާއި، ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފުކުރިފަހުން މަތީތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް މުރާޖައާ ކުރުމެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ހަޔާ އެޑިއުކޭޝަނުން ވަނީ ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުން ނަމުގައި ފެބްރުއަރީ 14، 2019 ސްކީމެއް އިފްތިތާހު ކޮށްފައެވެ.

ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ ސްކީމްގެ ދަށުން މިހާތަނަށް ވަނީ 13,911 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ދީފައެވެ.