މާލީ ހީނަރުކަމާއި އިގުތިސޯދީ ފުން އަނދަވަޅަކަށް ވެއްޓިފައި ވާ އަވަށްޓެރި ސްރީލަންކާގައި ސިއްހީ ބޭސްފަރުވާގެ ސާމާނު ލިބުން ދަތިވެ، އެކަމުގެ އަސަރު، ޕްރައިވެޓް ހޮސްޕިޓަލުތަކަށްވެސް މިހާރު ފޯރަން ފަށާފައި ވާ ކަމަށް، ސްރީލަންކާގެ އެސޯސިއޭޝަން އޮފް ޕްރައިވެޓް ހޮސްޕިޓަލްސް އެންޑް ނާސިންގް ހޯމްސްގެ ރައީސް، ޑރ އާނަންދަ ކުރުއްޕުއަރައްޗި ވިދާޅުވެއްޖެއެވެ.

ޑރ ކުރުއްޕުއަރައްޗި ވިދާޅުވީ އެ ގައުމުގައި ރަޖިސްޓްރީ ކޮށްގެން ދެމުންދާ ގިނަ ބޭސްތަކެއް ލިބުން ދަތިވެފައި ވާ ކަމަށެވެ. ޕްރައިވެޓް ހޮސްޕިޓަލުތަކަށް ބޭސް ސަޕްލައި ކޮށްދެމުން ދިޔަ ނެޓްވޯކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާ ކަމަށާ، އެކަމުގެ ސަބަބުން، ހޮސްޕިޓަލުތަކުން ފަރުވާ ހޯދާ އައުޓް ޕޭޝަންޓުން ނުވަތަ އެޑްމިޓް ނުކޮށް ފަރުވާ ދޭ ޕޭޝަންޓުންނަށް ބޭސް ހޯދާ ދިނުމަށް އެތައް ދުވަހެއް މަޑު ކުރަން ޖެހޭ ކަމަށް ޑރ ކުރުއްޕުއަރައްޗި ވިދާޅުވިއެވެ.

ގިނަ ބޭސްތަކެއްގެ ސަޕްލައި ހީނަރުވެފައި ވާ އިރު، ޒަރޫރީ ބައެއް ބޭސްތަކުގެ ސްޓޮކް ހުސްވެފައި ވާ ކަމަށާ، އާ ސްޓޮކް ލިބޭނެ ދުވަހެއްގެ މައުލުމާތު ހިއްސާ ކޮށްފައި ނުވާ ކަމަށްވެސް ޑރ ކުރުއްޕުއަރައްޗި ވަނީ ވިދާޅުވެފައެވެ.

ޕްރައިވެޓް ހޮސްޕިޓަލުތަކަށް ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ބޭހާއި ބޭސްފަރުވާއާ ގުޅޭ ބައެއް އާލާތްތައް ނެތުމުގެ ސަބަބުން ކަމަށާ، އެކަން ކުރިމަތިވަނީ ޑޮލަރުގެ ދަތިކަމާއެކުގައި ކަމަށް ޑރ ކުރުއްޕުއަރައްޗި ވިދާޅުވިއެވެ.

މިވަގުތު އަދި ނިންމާފައި ނުވި ކަމުގައި ވީ ނަމަވެސް، ބައެއް ޓެސްޓުތައް ހެދުމަށް ނަގާ ފީވެސް، ކުރިއަށް އޮތް ތަނުގައި ބޮޑު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑރ ކުރުއްޕުއަރައްޗި ވަނީ ދެއްވާފައެވެ. ރައްޔިތުންވެސް ހާލުގައި ޖެހިފައި ވާ މި ދަނޑިވަޅުގައި ހިދުމަތުގެ އަގު ބޮޑޫ ކުރަން ވިސްނުމަކީ ދަތި ކަމެއް ކަމަށް ޑރ ކުރުއްޕުއަރައްޗި ފާހަގަ ކުރެއްވިއެވެ. ދެން އޮތް ގޮތަކީ ހިދުމަތްތައް މެދުކަނޑާލުން ކަމަށާ، އެކަމުގެ ސަބަބުން ދެން ކުރިމަތިވާނީ ވަޒީފާ ގެއްލުމުގެ މައްސަލަތައް ކަމަށްވެސް ޑރ ކުރުއްޕުއަރައްޗި ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ސްރީލަންކާގެ ޕްރައިވެޓް ހޮސްޕިޓަލުތަކަށް ކުރިމަތިލާން ޖެހިފައި ވާ ގޮންޖެހުންތަކުގެ ވާހަކަ، އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައާ ހިއްސާ ކުރައްވާފައި ވާނެ ކަމަށް ޑރ ކުރުއްޕުއަރައްޗި ވިދާޅުވިއެވެ.

ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ ތަކުލީފުތަކުގެ އަސަރު، ބޭސްވެރިކަން ކިޔަވާދޭ ފަރާތްތަކަށްވެސް ދަނީ ފޯރަމުންނެވެ. އެގޮތުން ބޭހުގެ ސަޕްލައި ހީނަރުވުމުގެ ސަބަބުން، ޕެރަދެނިޔާ ޓީޗިންގް ހޮސްޕިޓަލުން ވަނީ އެމާޖެންސީގައި ކުރަންޖެހޭ ސާޖަރީތައް ފިޔަވާ އެހެން ހުރިހާ ސާޖަރީއެއް މެދުކަނޑާލާފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ވަނީ، މިއީ އައްސަވަން ދަތި ހަބަރެއް ކަމަށާ، މިކަމުގައި އިންޑިއާއަށް ފޯރުކޮށްދެވެން އޮތް އެހީއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ސްރީލަންކާގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ގޯޕާލް ބަގްލޭއަށް ގޮވާލައްވާ، ޓްވީޓެއް ކުރައްވާފައެވެ.

ދާދި ފަހުން ސްރީލަންކާއަށް ވަޑައިގެންނެވި ޖައިޝަންކަރު ވަނީ ސްރީލަންކާގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސައާވެސް ބައްދަލު ކުރައްވާފައެވެ. އަދި އިންޑިއާއިން ގެންގުޅޭ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތަށް ވަނީ އިޝާރާތް ކުރައްވާފައެވެ. އިންޑިއާއިން މިހާރުވެސް ދަނީ ސްރީލަންކާއަށް މާލީ ގޮތުން އެކި އެހީތައް ފޯރުކޮށްދެމުންނެވެ.