މި އަހަރުގެ ރޯދަ މަހު ބާއްވާ އުރީދޫ މަސް ރޭހުގައި 23 ޓީމަކުން ބައިވެރިވާން ރަޖިސްޓްރީ ކޮށްފިއެވެ.

އެ މުބާރާތުގައި ބައިވެރިވާން ޓީމުތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫން ހުޅުވާލީ މި މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ. މުއްދަތު ހަމަވިއިރު 23 ޓީމަކުން ރަޖިސްޓްރީވާން އެދިފައިވާއިރު ހުރިހާ ޓީމަކަށް ވެސް އުރީދޫން ވަނީ އެ ފުރުސަތު ދީފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫއިން ބާއްވަމުން އަންނަ މަސްރޭހަށް ވަނީ ބޮޑުތަރުހީބެއް ލިބިފައެވެ. މިކަންވެފައިވަނީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އުރީދު މަސް ރޭހުގެ 11 ވަނަ ސީޒަން މި ބާއްވަނީ ކޮވިޑް 19 ގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެެވެ.

މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:

  • އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ
  • އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާ އާއި ރަންކޯރި
  • އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 ރުފިޔާ

އުރީދޫއިން ބުނީ އެ މަސްރޭސް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފިޔަވާ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ މޭ މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން އެދެއެވެ.

އުރީދޫ މަސް ރޭސް އެންމެފަހު މިދިޔަ 2019 ވަނަ އަހަރު ބާއްވައިފާވާއިރު އެ އަހަރު އެ ރޭހުގައި ބައިވެރިވީ 16 ޓީމެކެވެ.